ޚަބަރު

ޒުވާންކަމުގައި ލިބިދޭ ފިލާވަޅުތައް އުމުރުދުވަހަށް ދެމެހެއްޓުމަށް ގޮވާލަން - ހޯމް މިނިސްޓަރ


ޒުވާންކަމުގައި ލިބިދޭ ފިލާވަޅުތަކާއި އިރުޝާދުތަށް އުމުރުދުވަހަށް ދެމެހެއްޓުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒްސް އައްޝެއިޚް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޔޫތް ލީޑަރސް ނެޓްވޯކުން އިންތިޒާމުކޮށްގެން ހއ. ހޯރަފުށީގައި ބޭއްވި "ޒުވާނުންނާއި މީޑިއާ" މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ތަމްރީންތަކުން ދަސްވާކަންކަން އަމަލީ މައިދާނުގައި ފެނިގެންދާންޖެހޭ ކަމަށެވެ. މިނިސްޓަރ އިމްރާންވަނީ، އަމަލުނުކުރެވޭ އިލްމެއް ލިބުމަކީ އެންމެ ބޭކާރުކަންކަމަށް ސިފަކުރައްވާފައެވެ. މިނިސްޓަރވަނީ ޒުވާންކަމުގައި ލިބިދޭ ފިލާވަޅުތަކާއި އިރުޝާދުތަށް އުމުރުދުވަހަށް ދެމެހެއްޓުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ.

"އަމަލުނުކުރެވޭ އިލްމެއް ލިބުމަކީ އެންމެ ބޭކާރުކަންކަން. އަޅުގަނޑުމެން މިފަދަ ތަމްރީންތަށް ނިންމާއިރު، މި ޒުވާނުންނަކީ މި ތަމްރީންތަކުން ލިބޭ ޢިލްމު އަމަލީ މައިދާނުގައި ބޭނުންކުރަން އިނގޭ ބަޔަކަށް ވާންޖެހޭ. އަޅުގަނޑުމެންނަށް ލިބޭ އިލްމު ކުރިއަށްއޮތްތަނުގައި ދިހަ ގުނައަށް އިތުރުވެސް ކުރެވިދާނެކަން ޔަޤީން،" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އުތުރުގެ 7 ރަށަކުން ޖުމުލަ 83 ޒުވާނަކު ވަނީ ބައިވެރިވެފައެވެ.

މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ޒުވާނުންގެ މެދުގައި ދީނީ އަޤީދާއާއި، އެއްބައިވަންތަކަން ހަރުދަނާކުރުމާއި، ދިވެހި ސަޤާފަތާއި އާދަކާދަ ނެތިގެންނުދާނޭ ގޮތް ހޯދުމުގެ ސެޝަންތަކުގެ އިތުރުން ޒުވާނުން އިސްވާރުންގެ ގޮތުގައި މަސައްކަތްކުރަން ހިތްވަރުދިނުމުގެ ސެޝަންތަށް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ހޭލުންތެރިކުރުވުމުގެ ސެޝަންއެއްވެސް މި މަސައްކަތު ބައްދަލުވުމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޔޫތް ލީޑަރސް ނެޓްވޯކަކީ މުޖުތަމަޢުގައި ޒުވާނުން ބާރުވެރިކޮށް ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ މެންޑޭޓްގެ ދަށުން ހިންގާ ވިއުގައެކެވެ.