ޚަބަރު

ކެމްޕެއިން ޙަރަކާތްތަކުގައި އެއް ޕާޓީ އަނެއް ޕާޓީއަށް ޤަދަރު ކުރަންޖެހޭނެ - އަދާލަތު


މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތަކުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން، އެއްޕާޓީ އަނެއް ޕާޓީއަށް ދޭންޖެހޭ ޤަދަރު ދިނުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން މިއަދު މެންދުރު އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަޙްމަދު ޝަރީފް ވިދާޅުވީ ކޯލިޝަންގެ ހަތަރު ޕާޓީގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީތަކުން ވަކިވަކިން ވާދަކުރި ނަމަވެސް އެއްޕާޓިން އަނެއް ޕާޓީއަށް އަދި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް އިޙްތިރާމް ކުރަންޖެހޭނެ ކަމަށެވެ. ކެމްޕެއިންގެ ހުރިހާ ކަމެއްވެސް ކުރަންޖެހޭނީ ވަރަށް ސުލްޙަވެރިކަމާއި އެކުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެއްޕާޓީން އަނެއް ޕާޓީއަށް ދޭންޖެހޭ ޤަދަރު އަޅުގަނޑުމެން ދޭނެ، ކެންޑިޑޭޓުން ދެއްވަންޖެހޭ ޤަދަރު ކެންޑިޑޭޓުންވެސް ދެއްވާނެ. ކެމްޕެއިން ކުރުމުގެ ރީތި އަޚްލާޤު އަޅުގަނޑުމެންގެ ފަރާތުން ގެންގުޅޭނަން. އެކަމުގައި އަޅުގަނޑުމެން ބަސް ބުނުން ވެސް ހަމަ އެ މިންގަނޑަށް އަޅުގަނޑުމެން ގެންގުޅޭނަން،" އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ދެއްވަންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދިނުމުގައި ކޯލިޝަންގެ އެއްވެސް ޕާޓީއަކުން ތަފާތު ނުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދާލަތު ޕާޓީގެ އުއްމީދަކީ ރިޔާސީ އިންތިޚާބުގައި ކޮންމެ ޕާޓީއަކުންވެސް ބުނެފައިވާ ގޮތަށް ޢަމަލު ކުރުން ކަމަށް އެޕާޓީގެ އެސްޖީ ޝަރީފް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތަކުގައި ކޯލިޝަންގެ ޕާޓީތަކުން ނިކުންނަ ކެންޑިޑޭޓުންނަށް އިޙްތިރާމް ކުރަންޖެހޭނެ ކަމަށް އަދާލަތުން ބުނެފައިވާއިރު ކޯލިޝަންގެ އެންމެ ބޮޑު ދެ ޕާޓީން ބާއްވާ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތަކުގައި އަންނަނީ ބަހުގެ ޙަމަލާތައް އެއްޕާޓީ އަނެއް ޕާޓީއަށް ރައްދު ކުރަމުންނެވެ.