އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާ ގުޅޭ ރިޝްވަތުގެ ތިން މައްސަލައެއް ބަލަމުންދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން އެސީސީން ބުނެފިއެވެ.
މަޖިލިސް އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޤައުމީ ލަފާދޭ ކޮމިޓީގައި އެށިށީ ތަމްސީލުކުރައްވާ މެމްބަރު އެ ކޮމިޝަންގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން އަމުލުކުރަންޖެހޭ ޚާއްޞަ އުސޫލްތަކަކާއި ސުލޫކީ މިންގަނޑުތަކެއް ކަނޑައަޅާފައިވާކަމަށެވެ. އެހެންނަމަވެސް މި އުސޫލްތަކާއި ހިލާފުވެގެން ތިން މައްސަލައެއް އެ ކޮމިޓީއަށް ހުށަހަޅަފައިވާކަމަށެވެ.
އޭގެ ތެރެއިން އެއް މައްސަލަ ބަލާ ނިމިފައިވާކަމަށާއި އެކަމަކީ ކެނޑިޑޭޓަކަށްވުމުގެ ކުރިން ހިނގާފައިވާކަމެއްކަން މިހާތަނަށް ބެލިބެލުމުން އެނގެން އޮތުމުން އެ މައްސަލަ ޤާނޫނުގައި ބުނާ ޙާލަތަށް ނުފެތޭކަމަށް މުޢައްވިޒް ވިދާޅުވިއެވެ. ދެވަނަ މައްސަލައިގެ ތަހުޤީޤުކުރިއަށްދާކަމަށާއި އަދި ތިންވަނަ މައްސަލައަށް ބޭނުންވާ އިތުރު މަޢުލޫމާތު މިހާރު ހޯދަމުންދާކަމަށް ވެސް މުޢައްވިޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންތިޚާބުތަކާއި ގުޅޭ މައްސަލަތައް ބެލުމަށް ޚާއްޞަ ތަޙުޤީޤީ ޓީމެއް މިހާރު އެކުލަވާލައްވާފައިވާކަމަށެވެ.
''އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އޭސީސީން ވަނީ އިންތިޚާބާ ބެހޭ ކުށްތައް ތަޙްޤީޤުކުރުމަށް މިދިޔަ އަހަރު ގެނައި އިސްލާޙުގައި އޭސީސީއަށް ޒިންމާތަކެއް ހަވާލުކޮށްފައިވާތީ، އިންތިޚާބާ ބެހޭ ގޮތުން ހުށައެޅޭ ޝަކުވާތައް، ޚާއްޞަކޮށް ރިޝްވަތުގެ މައްސަލަތައް ތަޙުޤީޤްކުރުމަށް ތަހުޤީޤީ ޓީމެއް ވަނީ އެކުލަވާލާފައި. އެޓީމްގެ ބެލުމުގެ ދަށުން ކުރިއަށްދާނީ." މުޢައްވިޒް ރަޝީދު ވިދާޅުވިއެވެ.
އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވަނީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެކަމަށެވެ. އަދި އެހެން ކެނޑިޑޭޓަކާ ބެހޭގޮތުން އެއްވެސް ދޮގު މަޢޫލޫމާތެއް ބޭނުންކޮށްގެން ނުވާނެކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއްވެސް ފައިދާއެއް އެއްވެސް ފަރާތަކަށް ހޯދާދިނުމަށް ހަދިޔާއެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ދިނުމަކީ ރިޝްވަތުގެ ކުށެއްކަމަށްވެސް އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބުނެފައިވެއެވެ.