ސިޔާސީ

އަމާޒަކީ ރައީސް ނަޝީދު ޖަލުން މިނިވަން ކުރުން- އެމްޑީޕީ


އެމް.ޑީ.ޕީގެ އަމާޒަކީ އެޕަޓީގެ ލީޑަރ އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖަލުން  މިނިވަން ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުންކަމަށް އެމް.ޑީ.ޕީން ބުނެފިއެވެ.ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދް 13 އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ރޭ ހުކުމަށްފަހު އެމް.ޑީ.ޕީގެ އެއްވެސް ސިޔާސީ ހަރަކާތެއް މިހާތަނަށް ބާއްވާފައި ނުވާއިރު، މިއަދު ރާއްޖެ ޓީ.ވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމް.ޑީ.ޕީގެ ޗެއަރ ޕާސަން އަލީ ވަހީދު ވިދާޅުވީ، މިވަގުތު އެމް.ޑީ.ޕީން އެންމެ އިސްކަމެއް ދެއްވަނީ، ޕާޓިގެ  އެއްބައިވަންތަކަން ހިފެހެއްޓުމަށް ކަމަށެވެ.އެގޮތުން ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރައްވާނެ މަސައްކަތާ ގުޅޭގޮތުން އެޕާޓީގެ ހިންގާ ކޮމެޓީގެ ޖަލްސާއެއް މިއަދުގެ ވަގުތެއްގައި ބާއްވާނެކަމަށް އަލީވަހީދު ވިދާޅުވިއެވެ. އަދި އެޕާޓީގެ މެންބަރުން ރޭދެއްކެވި ކެއްތެރިކަމާއި ހަމަހިމޭންކަމަކީ ރިވެތި މިސާލެއްކަމާށާއި، މިހާރު މަސައްކަތް ކުރަންވީ ރައީސް ނަޝީދުގެ ޚިޔާލުފުޅާއެއްގޮތަށް ޕާޓީގެ ހަރަކާތްތައް ކުރިޔަށްގެންދުމަށްކަމަށް ވިދާޅުވިއެވެ.އަލީ ވަހީދުގެ ވާހަކަފުޅުގައި ރައީސް ނަޝީދު ނެތި ރިޔާސީ އިންތިޚާބެއްގައި ވާދަކުރަން ކެނޑިޑޭޓަކު ހޮވަން ޕްރައިމަރީއެއް ބޭއްވުންފަދަ އެއެއްވެސް ވިސްނުމެއް އަދި ވާހަކައެއްވެސް ޕާޓި ތެރޭގައި ނުދެކެވޭކަމަށާއި، ނަޝީދުގެ ހިމާޔަތުގައި ގައުމީ ފްރަންޓް ލައިނެއް އެމް.ޑީ.ޕީން ގާއިމް ކުރާނެކަމުގައި ވިދާޅުވިއެވެ.