ޚަބަރު

ޔަމަނުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖެއިން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފި


ޔަމަނުގައި ޙާލުގައިޖެހިފައިތިބި މީހުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުން ދިވެހިރައްޔިތުން އެއްކުރި ފައިސާ އައޭސީއިން ތުރުކީގެ އީހާހާ ކުންފުންޏާ ޙަވާލުކޮށްފިއެވެ. އައިއޭސީއިން މިކެމްޕޭންގެ ދަށުން ފައިސާ އެއްކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގި ހަރަކާތްތަކުން ޖުމުލަ ދެ މިލިއަން ސަތޭކަ ފަންސާސް ހާސް ހަ ސަތެކަ ތިރީސް ރުފިޔާ ފަންސާސް ހަލާރި ވަނީ އެއްކޮށްފައެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މަސައްކަތްކުރާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން އިސްނަގައިގެން، ޔަމަނުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކެމްޕެއިނެއް ފަށައިފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 21ވަނަ ދުވަހުއެވެ. މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފަންޑު ހޯދުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ވައިސް ޗެއަރމަން ނާއިފް ވިދާޅުވީ، "ހެލްޕް ޔަމަން މޯލްޑިވްސް" ކެމްޕެއިންގެ ދަށުން އެއްކުރި ފައިސާއިން ޔަމަނުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީގެ ސާމާނުގެ ކޮންޓެއިނަރުތަކެއް މިދިޔަ އަހަރު ފޮނުވާފައިވާކަމަށެވެ. އެގޮތުން މިއެހީގެ ދަށުން ތުރުކީގެ އީހާހާ ޖަމްޢިއްޔާގެ އެހީއާއެކު ހަކުރާއި، ފުށާއި، ހަނޑޫ، އަދި ކެއްކުމަށް ބޭނުންކުރާ ތެލާއި، ދަޅުމަސް ފަދަ ކާނާ ފޯރުކޮށްދީފައިވާކަމަށް ނާއިފް ވިދާޅުވިއެވެ.
ނާއިފް ވިދާޅުވީ، ހެލްޕް ޔަމަން ކެމްޕެއިން މިއަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް ކުރިއަށްގެންދިޔައިރު އެ ކެމްޕއިނުން އެއްކުރި ފައިސާވެސް މިހާރު އީހާހާ ޖަމްޢިއްޔާއާ ޙަވާލުކުރެވިފައިވާކަމަށެވެ. އެގޮތުން މިހާރު ތުރުކީއަށް ޒިޔާރަތްކުރަމުންދާ އައިއޭސީގެ ވަފުދުން އެފައިސާ ހަވާލުކޮށްފައިވާކަމަށް ނާއިފް ވިދާޅުވިއެވެ. ނާއިފް ވިދާޅުވީ މިކެމްޕޭނަށް ޖުމުލަ ދެމިލިއަން ސަތޭކަ ފަންސާސް ހާސް ހަ ސަތެކަ ތިރީސް ރުފިޔާ ފަންސާސް ހަލާރި ލިބިފައިވާކަމަށެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނަކީ 2016ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޙާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޙަރަކާތެކެވެ. އައިއޭސީއިން މީގެކުރިންވެސް ސޫރިޔާއާއި، މިޔަންމާއާއި ޣައްޒާ ފަދަ ސަރަހައްދުތަކުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީ ހޯދުމަށް ތަފާތު ހަރަކާތްތައް ހިންގައި، އެ ޤައުމުތަކުގައިތިބި ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.