ޚަބަރު

ފަހު ވަގުތު މޮޅުވުމުން ހިތްހަމަޖެހޭ - ގާޑިއޯލާ


ޔުއެފާ ޗެމްޕިއަންސް ލީގުގައި ޝާލްކާގެ މައްޗަށް ފަހު ވަގުތު ތިން ލަނޑު ދެ ލަނޑުން ސިޓީ މޮޅުވުމުން ހިތްހަމަޖެހޭކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުނީ، ދިހަ ކުޅުންތެރިން މަދުކޮށް ކުޅެ ރަށުން ބޭރުގައި މޮޅެއް ލިބުމަކީ މުބާރާތައި އިތުރަށް ކުރިޔަށްދާން ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. މި މެޗުގައި ޝާލްކާއިން ޖެހި ދެ ލަނޑަކީވެސް އެޓީމަށް ލިބުނު ޕެނަލްޓީތަކުން ޖެހި ދެ ލަނޑެވެ.

މި ޕެނަލްޓީތަކަށް އަލިއަޅުވާލާއި ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ފުރަތަމަ އެޓީމަށް ދިން ޕެނަލްޓީއާއި މެދު މައްސަލައެއް ނެތްކަމަށާއި، ނަމަވެސް ދެވަނަ ޕެނަލްޓީ ދިނުމުގެ ކުރިން އެޓީމުގެ ކުޅުންތެރިޔާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ. އަދި ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވީއޭއާރުގެ ބޭނުން ނުކުރެވުމުން ގާޑިއޯލާ ވަނީ އެކަމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ސިޓީންނެވެ. މި ލަނޑު މެޗުގެ އަށާރަ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއޭރޯއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝާލްކާއަށް އަށް ލިބުނު ދެ ޕެނަލްޓީ ކާމިޔާބުކޮށް އެޓީމުން ފުރަތަމަ ހާފު ނިންމާލީ ދޭއް އެކަކުން ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ބޮޑުބައި ސިޓީއިން ފުރިހަމަ ކުރީ ދިހަ ކުޅުންތެރިންނާއެކުގައެވެ. އެއީ އެޓީމުގެ ނިކޮލަސް އޮޓަމެންޑީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުގެ ސަބަބުންނެވެ. މި މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ސިޓީން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހާ ޝާލްކާ ސިއްސުވާލާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ލެރޯއީ ސާނޭއާއި ރަހީމް ސްޓާލިންއެވެ.