ޚަބަރު

ދީނީ ކަންކަން ކުރިއެރުވުމަށް މިޞްރާއި އެކު މަޝްވަރާކޮށްފި


ރާއްޖޭގައި ދީނީ ކަންކަން މިހާރަށް ވުރެ ބޮޑަށް ކުރިއެރުވުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރީއާ މިޞްރުގެ އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިޞްރަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛް އަލީ ޒާހިރު ވިދާޅުވީ މިޞްރުގެ އިސްލާމިކް މިނިސްޓްރީއާ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ދެމެދު އިސްލާމް ދީން ހިމާޔަތްކޮށް ކުރިއެރުވުމަށް ކުރިއަށްގެންދާ މަސައްކަތްތަކާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަސައްކަތަކާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ޚާއްސަކޮށް ތަފާތު އެކިއެކި ޙައްދު ފާނަ އަޅާދިޔުމުގެ ފިކުރުތަކާއި އިސްލާމީ އަސްލު އުސޫލްތައް ދެމެހެއްޓުމުގައި މިޞްރުން ގެންގުޅޭ ހަމަތަކާއި އެކެމަށްޓަކައި ކުރާ މަސައްކަތްތަކާއި ނެރެފައިވާ ބައެއް މުހިއްމު ފޮތްތައް ވަނީ ހިއްސާކޮށްފަ. މީގެ ތެރެއިން ބައެއް ފޮތްތަކަކީ ދިވެހިރާއްޖެއަށް ދިވެހިބަހުންނާއި އިނގިރޭސި ބަހުން ޗާޕްކުރުމުގެ ހުއްދަ ދީފައިވާކަމަށް."އަލީ ޒާހިރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މިޞްރަށް ވަޑައިގެންނެވި މި ވަފްދުގެ ބޭފުޅުން ވަނީ އެ ޤައުމުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި އެ ކުދިންގެ ހާލު ބައްލަވާލައްވާ ދިމާވާ ދަތިތައް ވަނީ އޮޅުން ފިލުވާލައްވާފައެވެ.

މި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރުވަނީ މިޞްރުގެ އިސްލާމިކް މިނިސްޓަރާއި ބައްދަލުކޮށްފައިވާއިރު މިޞްރުގެ މުފްތީއާ ބައްދަލުކޮށް ވަނީ ރާއްޖޭގެ ފަތުވާ މަޖިލީހާއި މިޞްރުގެ ފަތުވާ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދާ ގޮތާ ގުޅެގޮތުން މަޝްވަރާކޮށް މި ދާއިރާއިން ދެ ޤައުމުގެ ދެމެދު ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި މިޞްރުގެ ފަތުވާ މަޖިލީހުގެ ކަންކަން ކުރިއަށްދާގޮތް މިނިސްޓަރ ވަނީ އޮޅުން ފިލުވާލައްވާފައެވެ.