ޚަބަރު

ހަނގުރާމަތަކަށް ދިޔަ ބައެއް ދިވެހިން އަލުން ރާއްޖެ އައުމަށް އެދެމުންދޭ - އެންސީޓީސީ


ދުނިޔެގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ފިލައިގެން ގޮސްފައިވާ ދިވެހިން އަލުން އެނބުރި ރާއްޖެއައުމަށް އެދެމުންދާކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)އިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، މިހާތަނަށް އައިއުރު، ދުނިޔެގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ބައެއް ހަނގުރާމަތަކަށް 61 ދިވެހި ފިރިހެނުން ގޮސްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. މީގެ އިތުރުން މިފަދަ ބައެއް މީހުންގެ ޢާއިލާތަކުގެ ބައެއް މެމްބަރުންވެސް އެމީހުންނާއެކު ގޮސްފައިވާކަން އެ ސެންޓަރަށް އެނގިފައިވާކަމަށް ޒަކަރިއްޔާ މަންޞޫރު ވިދާޅުވިއެވެ.

މިގޮތަށް ފިލައިގެންގޮސްތިބި ބައެއް މީހުންނާއި އެމީހުންގެ އާއިލާތަކުން އަލުން އަނބުރައި ރާއްޖެ އައުމަށް އެދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެމީހުން ހަނގުރާމައަށް ގޮސްފައިވަނީ ދިވެހިރައްޔިތެއްކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް ނުލައި ފިލައިގެންކަން ފާހަގަކުރައްވައި ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، މިކަމުގެ ސަބަބުން އެމީހުން އަނބުރައި ރާއްޖެ ގެނައުމުގައި ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފައިވާކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރިންވެސް ހާމަކޮށްފައިވާނެ 61 ފިރިހެނަކު މިފަދަ ކޮންފްލިކްޓް ޒޯންތަކަށް ގޮސްފައިވާކަން. މިފަދަ ފަރާތްތަކުގެ އާއިލާތަކުން އަޅުގަނޑުމެންނަށް އެބަ އާދޭ އަނބުރާ އެ މީހުން ރާއްޖެ ގެނެސް ދިނުމަށް އެދެމުން. ފާހަގަކޮށްލަންޖެހޭ އެފަރާތްތަކުގެ އަތުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔެކިޔުމެއްވެސް ނެތްކަން. މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އުނދަގޫތަކާއި ކުރިމަތިވޭ." ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ހަނގުރާމަތަކަށް ފިލައިގެން ގޮސްފައިވާ ދިވެހިން އަލުން އަނބުރާ ރާއްޖެގެނެސް އެފަރާތްތައް ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުމުގެ އިންތިޒާމުތަށް ހަމަޖެއްސުމުގެ މަސައްކަތްކުރާކަމަށެވެ.