ޚަބަރު

އެމްއާރްއެމް އަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފި


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތްކުރައްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ރިފޯރމް މޫވްމެންޓް (އެމްއާރުއެމް)އަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައޫމޫން ވަނީ މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރުއެމް) އަށް މެމްބަރުން އިތުރު ކުރުމަށް ފޯމް ފުރުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވައި ޓްވީޓެއް ކުރައްވާފައެވެ.

އެމްއާރުއެމުންގެ ފަރާތުން ވިދާޅުވީ މެމްބަރުންގެ ފޯމު ފުރުމުގެ މަސަައްކަތް އެންދެރިމާގޭގައި ހުންނަ ޕާޓީގެ އޮފީހުގައި ކުރިއަށްދާ ކަމަށާއި މާދަމާއިން ފެށިގެން އަތޮޅުތަކުގައިވެސް އެމަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ރައީސް މައުމޫން އިސްވެ ހުންނަވައި އެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވަނީ ހޯމަ ދުވަހުއެވެ. ރައީސް މައުމޫން ވަނީ ކުރިންވެސް ދެ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.