ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީގެ ޢިމާރާތް ބަދަލުކުރަން ރައީސް ނިންމަވައިފި


ޓްރާންސްޕޯޓް އޮތޯރިޓީ މިހާރު ހިންގަމުން އަންނަ ޢިމާރާތް އެހެން ޢިމާރާތަކަށް ބަދަލުކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނިންމަވާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޢާއިޝަތު ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ މިހާރު ހިންގަމުން އަންނަނީ ވަރަށް ކުރީގެ ދުވަސްވީ ޢިމާރާތެއްގައިކަމަށާއި އެތަނަކީ އެތަނުގައި ތިބެގެން މަސައްކަތްކުރެވޭ ވަރަށްވުރެ ބިރުވެރި ޙާލަތެއްގައި ހުރި ޢިމާރާތެއްކަމަށެވެ.

އެޢިމާރާތުގެ ޙާލަތާއި އެތަނުގައި މަސައްކަތްކުރުމުގައިހުރި ކަންބޮޑުވުންތައް މިހާރުވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ޙިއްސާކުރައްވާފައިވާކަމަށާ އެމަނިކުފާނުވަނީ ވަރަށް އަވަހަށް ޓްރާންސްޕޯޓް އޮތޯރިޓީގެ މަސައްކަތްތައް އެހެން ޢިމާރާތަކަށް ބަދަލުކުރުމަށް ނިންމަވާފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކުން މިފަދަ ޢިމާރާތުގައި މަސައްކަތްކުރުމުގެ ހުއްދަ ދެއްވާފައި އޮތުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއްކަމަށް މިނިސްޓަރ ނަހުލާ ވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކާ ގުޅިގެން ޢާއްމުންނާއި މުވައްޒަފުންގެ ޝަކުވާތައް އެބަހުރިކަމަށާ، އެކަންކަން ޙައްލުކުރުމުގެ މަސައްކަތް ކުރައްވަމުންދަކަމަށެވެ. އެގޮތުން ޓްރާންސްޕޯޓުން ދެމުންގެންދާ ޚިދުމަތްތައް ހޯދުމަށްޓަކައި ގިނަ ވަގުތުތަކެއް ކިޔުގައި މަދުކުރަންޖެހޭ ކަމުގެ ޝަކުވާ ލިބެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެކަން ޙައްލުކުރެއްވުމަށްޓަކާ ވަރަށްއަވަހަށް ޓްރާންސްޕޯޓ އޮތޯރިޓީގެ ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.