ޚަބަރު

ރައީސް ޔާމީން ހުންނެވީ ސްޕެޝަލް ޕްރެޓެކްޝަން ޔުނިޓްގައި އެންމެ ރަނގަޅު ޚިދުމަތްތަކާއެކު - ކަރެކްޝަން


މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީޢަތް ނިމެންދެން ޖަލަށްލާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުންނެވީ ސްޕެޝަލް ޕްރެޓެކްޝަން ޔުނިޓްގައި އެންމެ ރަނގަޅު ޚިދުމަތްތަކާއެކުކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްވަމުން ކަރެކްޗަންގެ އިންފޮރމޭޝަން އޮފިސަރ އަޙްމަދު ލުޤްމާން ވިދާޅުވީ، ސްޕެޝަލް ޕްރެޓެކްޝަން ޔުނިޓްއިން ރައީސް ޔާމީނަށް ފޯރުކޯށްދޭންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްދީފައިވާކަމަށް. ނަމަވެސް އިތުރު ތަފްސީލް ހާމަކުރައްވާފައެއްނުވެއެވެ.

އެނގިފައިވާގޮތުގައި މާފުށީ ޖަލުގައި ރައީސް ޔާމީން ހުންނެވި ޖަލު ގޮޅިއަކީ ވީއައިޕީ އަށް ޚައްޞަ ގޮޅިއެކެވެ. އެތަނަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްވެސް ހުންނެވި ތަންކަމަށް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ.

ރައީސް ޔާމީން ހުންނެވި ޖަލު ގޮޅީގައި ފޮތާއި ނޫސް މަޖައްލާތައް ކިޔުމާއި، ޖިމާއި، އެ ކޮޓަރީގެ އިތުރުން ކޮރިޑޯއެއްވެސް ހިމެނެއެވެ. މީގެއިތުރުންވެސް ފަސޭހަ ގިނަ އިންތިޒާމްތަކެއް ޤާއިމްކޮށްފައިވާއިރު، ސިއްޙީ ކަންކަންވެސް ޤަވާއިދުން ބައްލަވާނެކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވައިފައި ވަނީ އިއްޔެއެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ތުހުމަތުވެސް ރައީސް ޔާމީންގެ މައްޗަށް ކުރެއެވެ.