ޚަބަރު

އިންތިޚާބުގެ އޮފިޝަލުން ހޯދުމުގައި ދަތިތަކެއް އީސީއަށް ކުރިމަތިވެއްޖެ


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުަގއި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ދަތިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އަންނަ އިންތިޚާބުގައި ހަރަކާތްތެރިވާން ހަތަރު ހާހެއްހާ އޮފިޝަލުން ބޭޏުންވާއިރު، މިހާތަނަށް ލިބިފައިވަނީ އަށާރަ ސަތޭކައެއްހާ އޮފިޝަލުންކަމަށެވެ. އަކްރަމް ވަނީ އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމުގައި ދަތިވެގެން އުޅެނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ހަރަކާތްރެރިވި އޮފިޝަލުންނަށް އިންތިޚާބަށްފަހު ކުރިމަތިވި ބިރުދެއްކުމާއި އެނޫންވެސް އުނދަގޫތަކާއި ހުރެކަމަށެވެ.

އޮފިޝަލުން ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމުގެ ގޮތުން ސިވިލް ސާރވިސް ކޮމިޝަނާ މަޝްވަރާކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިގެންވާއިރު، ކޮންމެ ވޯޓު ފޮއްޓަކަށްވެސް އެންމެ ގިނަވެގެން ލެވޭނީ 1100 ވޯޓު ކަމަށް އީސީން ވިދާޅުވެއެވެ.

މަޖިލީހުގެ އިންތިޚާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށީގެ ޢަދަދު އިތުރުކުރުމަށް ނިންމާފައިވާކަމަށްވެސް އީސީން ވިދާޅުވެއެވެ. އެގޮތުން ހަތް ޤައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، އެއީ އިންޑިއާގެ ނިއުދިއްލީ، ބަންގްލަދޭޝްގެ ޑާކާ، ތައިލެންޑްގެ ބެންކޮކްގެ އިތުރުން އަލަށް ވޯޓު ފޮށި ބަހައްޓާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިޅާތާއި ސިންގަޕޫރުވެސް ހިމެނެއެވެ.

އެ ޤައުމުތަކުގައި ވޯޓު ފޮށީ ބަހައްޓާނީ ސަތޭކަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރުމުންކަމަށްވެސް އީސީން ވިދާޅުވެއެވެ.