ޚަބަރު

މޯލްޑިވްސް ރިފޯމް މޫވްމަންޓް އުފެއްދުމުގެ ހުއްދަ އީސީއިން ދީފި


ކުރީގެ ރައީސް މައުމޫން އަބްދުލްޤއްޔޫމްގެ އާ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

މައުމޫންގެ ފަރާތްޕުޅުން އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އެދި ހުށައެޅުއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ޙަސަންއެވެ. އީސީން މިއަދު ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަައިގެ ލިޔުން ޑރ.ޙަސަން އާއި ހަވާލުކޮށްފައެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމުން މީޑިއާއި ވާހަކަފުޅު ދައްކަވަމުން އެމްއާރްއެމް އުފެއްދުމުގެ އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މައުމޫންގެ ކެބިނެޓްގައި ގިނަ ދުވަސްތަކެއް ވަންދެން ހިމެނި ވަޑައިގެންނެވި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެމްއާރުއެމްއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވިސްނުންފުޅުގެ ދަށުން ޤައުމު ހެޔޮ މަގުގައި ދެމެހެއްޓުމަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށެވެ. އަދި މި ޕާޓީއިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކަރު ދެމެހެއްޓުމުގައި ގަދައަޅާ މަސައްކަތްކުރާނެކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ދިނުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ރާއްޖޭގައި މިހާރު ޖުމްލަ 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އަދި އިތުރު 7 ފަރާތަކުން އައު ސިޔާސީ ޕާޓީތަކެއް އުފެއްދުމަށް އެދިފައިވާކަމަށެވެ. އެމްއާރްއެމްގެ ނަމުގައި ޖަމިއްޔާއެއް އުފައްދާފައިވާކަމަށް ފެތުރުނު ވާހަކަތަކަށް ނިސްބަތްކުރައްވާ ވާހަކަދައްކަވަމުން އަހުމަދު ޝަރީފް ވިދާޅުވީ، މިހާތަނަށް އައިއިރު އެމްއާރްއެމްގެ ނަމުގައި އެއްވެސް ސިޔާސީ ޕާޓީއެއްވެސް އަދި ޖަމިއްޔާއެއްވެސް ރަޖިސްޓްރީކޮށްފައިނުވާކަމަށެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައާއި އެކު 3000 މެމްބަރުން އެޕާޓީއަށް ހަމަކުރަންޖެހެއެވެ. އަދި އެއަދަދު ހަމަވުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާ ޕާޓީގެ އިސް މަޤާމުތައް ކަނޑައަޅާ މެމްބަރުން އައްޔަންކުރުމުން ޕާޓީ ރަޖިސްޓްރީ ވެގެންދާނެއެވެ. އެމްއެމްއާރު އުފެއްދުމަށް ދިން ހުއްދައިގެ ދަށުން އަންނަ މޭމަހުގެ 19ވަނަދުވަހުގެ ކުރިން ތިންހާސް މެމްބަރުން ހަމަކޮށް ފުރަތަމަ ޖަލްސާ ބާއްވަންޖެހެއެވެ.

ކުރީގެ ރައީސް މަޢުމޫންގެ އިސްވެ ހުންނަވާ އެމްއާރްއެމް އުފައްދުމަށް މަސައްކަތް ކުރަމުންދާއިރު މީ އެމަނިކުފާނު އިސްވެ ހުންނަވާ އުފައްދަވާ 3 ވަނަ ސިޔާސީ ޕާޓީއެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ޕާޓީއެއް އުފެއްދެއްވީ 2008 ވަަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޭރު ވެރިކަމުގައި ހުންނަވައިގެން އުފެއްދެވި ޑީއާރުޕީއެވެ. އެއަށްފަހު ވެރިކަމުން ނާކާމިޔާބުވެޑައިގަތުމުން އެޕާޓީ ލީޑަރުކަން ރައީސް މައުމޫންގެ އޭރުގެ ރަނިން މޭޓް އަޙްމަދު ތަސްމީނާއި ހަވާލުކުރެއްވިއެވެ. އަދި ދެބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވެ ޑީއާރުޕީން ވަކިވެޑައިގެން 2011 ވަނައަހަރުގެ އޮކްޓޯބަރމަހުގެ 27 ވަނަދުވަހު ޕީޕީއެމް އުފެއްދެވިއެވެ.