ޚަބަރު

ޖޭއެސްސީ އޮތްގޮތުން ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް ހުރަސްއެޅޭކަމަށް ރައީސް ވިދާޅުވެއްޖެ


ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިފައި އޮންނަ ގޮތަކީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް އެޅިފައިވާ ހުރަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިފަކުރައްވައިފިއެވެ.

ޤަޟާޢީ އަހަރު 2019 އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ފަނޑިޔާރުން ޢައްޔަން ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރަންޖެހޭ، ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިފައި އޮންނަ ގޮތަކީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް އެޅިފައިވާ ހުރަހެއްކަމަށެވެ. އެހެންކަމުން ޖޭ.އެސް.ސީ އެކުލެވިފައިވާ ގޮތާމެދު ފުންކޮށް ވިސްނައިލެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"ޖޭ.އެސް.ސީގައި މިހާރު މިހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ތިން މަރުޙަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ބަންޑާރަނާއިބު ޤާނޫނީ ވަކީލެއް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް. އަދި ޢާންމުންގެ ތެރެއިން މީހަކާއި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މީހެއް. މީގެ ތެރެއިން 8 ބޭފުޅުންނަކީ، އެ ބޭފުޅުންގެ މަޤާމުގެ ހައިސިއްޔަތުން، މާތްﷲ ގަންދީ ހުވައެއް ކުރައްވައިގެން ތިއްބެވި ބޭފުޅުން. އޭގެ އިތުރުން ޖޭއެސްސީގެ މެމްބަރުކަމުގެ ހުވައިވެސް ކުރައްވައިގެން ތިއްބެވި ބޭފުޅުން. މަތިމައްޗަށް ދެހުވައި ކުރައްވައިގެން ތިއްބަވާއިރު، އެންމެ ނަޒާހަތްތެރިވާންޖެހޭނީ އެބޭފުޅުން ނޫންތޯ!" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޤާނޫނަކާއި ޤަވާއިދުތައް އެކުލަވާލާ އިތުރު ނިޒާމުތަކެއްވެސް ރޭވިދާނެކަމަށާ، ނަމަވެސް ގެއްލިގެންއުޅެނީ އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއި ތެދުވެރިކަންކަމަށް ރައީސް ވިދާޅުވިއެވެ.

"ފަނޑިޔާރުންނަކީ، އެބޭފުޅުންގެ ކޮނޑުފުޅުގައި، ވަރަށް މަތިވެރި ޒިންމާތަކަކާއި ވާޖިބުތަކެއް އެޅިފައިވާ ބައެއް. ފަނޑިޔާރުގެއަކަށް މީހަކު ދާނީ، އޭނާގެ ކިބައިން ނިގުޅައިގެންފައިވާ ކޮންމެވެސް ޙައްޤެއް އަނބުރާ ހޯދުމަށް. ނުވަތަ ކޮންމެވެސް އަނިޔާއެއް ނުވަތަ ބޭއިންޞާފަކުން މިންޖު ކޮށްދިނުމަށް އެދިގެން. އެހެންވީމާ، ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ، ވަޒީފާއެއް އަދާކުރުމަށްވުރެ މާމަތިވެރި، އަދި އެހާމެ ޤަދަރުވެރި މަސްއޫލިއްޔަތަކަށް ވާންޖެހޭނެ. ޤައުމުގެ ހަމަޖެހުމާއި އަމާންކަން ގުޅިފައިވަނީ، ފަނޑިޔާރުގޭގެ ނިންމުންތަކާ. މުޖްތަމަޢުގެ އުފާވެރިކަމާއި ފާގަތިކަން ބިނާވެފައިވަނީ، އެ މުޖްތަމަޢެއްގައި ޢަދުލުވެރިކަން ޤާއިމުވެފައި އޮންނަ މިންވަރެއްގެ މައްޗަށް." ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ ޤަޟާއީ އަހަރުގެ ތެރޭގައި، ކޮންމެ ފަނޑިޔާރެއްގެވެސް އެންމެއިސް އަމާޒަކަށް ހައްދަވަންވީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ މިނިވަން ފަނޑިޔާރުގެއެއް ޤާއިމްކުރެއްވުމަސް މަސައްކަތްކުރުމަށްކަމަށެވެ.