ވިޔަފާރި

ސެފްއެމުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް އިންޑިއާގެ ވިޔަފާރިތަކާއިއެކު މަޝްވަރާކޮށްފި


އެސް.އެމް.އީ އެންޑް އެންޓަރޕްރިނިއަރ ފެޑަރޭޝަން އޮފް މޯލްޑިވްސް، ސެފްއެމުން އިންޑިއާއަށް ކުރި ދަތުރުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

ސެފެއެމްއިން މިމަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ނިއު ދިއްލީއަށް ކުރި ދަތުރުގައި ސެފްއެމް ވަފުދުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން ވަނީ "އިންޑިއާ ފެޑަރޭޝަން އޮފް އިންޑިއަން މައިކްރޯ އެންޑް ސްމޯލް އެންޓަރޕްރައިޒަސް"، ފިސިމްއާއިއެކު ބައްދަލުކޮށް ވިޔަފާރީގެ ގުޅުންތައް ބަދަހިކުރެވިދާނޭ ގޮތްތަކާއިބެހޭގޮތުން މަޝްވަރާކޮށްފައެވެ.

މިބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް މިހާރަށްވުރެއް ފުޅާ ދާއިރާއެއްގައި ކާބޯތަކެއްޗާއި، ބޭހާއި، އަންނައުނާއި އެހެނިހެން ތަކެތި އެތެރެކުރުމާއި، އިންޑިއާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރާއްޖޭގެ ބޭންކިން އާއި ފައިނޭންސް އަދި ޓޫރިޒަމް ދާއިރާގައި މިހާރަށްވުރެ ފުޅާކޮށް ހަރަކާތްތެރިވެވޭނެ ގޮތްތަކާބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވި ސެފްއެމްގެ ރައީސް އަބްދުލް ލަތީފް ވަނީ، ރާއްޖޭގައި އިންވެސްޓުކުރުމުގެ ފުރުސަތު އޮތީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާގައި ނޫންކަން ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖެއަކީ އިންޕޯޓުކުރާ މުދަލަށް ބަރޯސާވެފައިވާ ޤައުމެއްކަމުން އިންޑިއާގައި އުފައްދާ އެކި ބާވަތުގެ މުދަލާއި ހިދުމަތްތަކަށްވެސް ރާއްޖޭގައި ރަނގަޅު މާރކެޓެއް އޮތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދެޤައުމުގެ ދެމެދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކުގެ ގުޅުން ބަދަހިކުރުމަށްޓަކައި، މިއަހަރުގެ ސެޕްޓެންބަރު މަހު ރާއްޖޭގައި އިންޑިއާގެ ކުދި ވިޔަފާރިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށް ޓްރޭޑް ފެއާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއަކީ ރާއްޖެއަށް މިހާރުވެސް ގިނަ އަދަދެއްގެ މުދާ އެތެރެކުރާ ޤައުމެކެވެ. މިގޮތުން 2017ވަނަ އަހަރު އެކަނިވެސް އިންޑިއާއިން ރާއްޖެއަށް ވަނީ 200 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައެވެ.