ޚަބަރު

ފާޑުކިއުންތަކަށް ތަރުޙީބުދޭނަމަ ފަނޑިޔާރުގެ އިޞްލާހުކުރަން ފަސޭހަވާނެ - ރައީސް


ރާއްޖޭގެ ފަނޑިޔާރުގެއަށް އަމާޒުވާ ފާޑުކިއުންތަކަށް، ތަރުޙީބުދޭނަމަ ފަނޑިޔާރުގެ އިޞްލާހުކުރުމަށް ފަސޭހަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤަޟާޢީ އަހަރު 2019 އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްވަމުންނެވެ.

ޤަޟާޢީ އަހަރު 2019 އިފްތިތާޙްކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅު ފެށްޓެވީ، މިނިވަން ފަނޑިޔާރުގެއެއް ޤާއިމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިނިވަން ފަނޑިޔާރުގެއެއް ހުރުމަކީ ޒަމާނީ ޑިމޮކްރެސީ އޭގެމައްޗަށް ބިނާވެފައިވާ އެންމެ މުހިންމު ރުކުނެއްކަމަށެވެ. ޑިމޮކްރެސީއެއްގެ އަމާޒަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭފަދަ ހެޔޮ ވެރިކަމެއް ކޮށްދިނުންކަން ތަކުރާރުކުރައްވައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހެޔޮ ވެރިކަމެއްގެ ބޭނުމަކީ އެއްވެސް އިސްތިސްނާއެއް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްމެ އެމީހެއްގެ ޙައްޤުތައް ލިބިދިނުންކަމަށެވެ.

"އެކަން ޙާޞިލުވެގެން މިދަނީ، މިނިވަން ފަނޑިޔާރުގެއެއް ހުރުމުން މީގެކުރިން ރާއްޖޭގައި ޢަމަލުކުރަމުން އައި ޤާނޫނުއަސާސީތަކުގައި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުވެސް އޮންނަނީ، ތަންފީޒީ ބާރުގެ ތެރޭގައި. ފަނޑިޔާރުގޭގެ ނިންމުންތަކުގައި، އެންމެ ފަހުބަސް ބުނުމުގެ ބާރުވެސް އޭރު އޮންނަނީ، ތަންފީޒީ ބާރުގެ އެންމެ އިސް ވެރިޔާއަށް. ނަމަވެސް މިހާރުގެ ޤާނޫނުއަސާސީގައި ފަނޑިޔާރުގެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ދައުލަތުގެ މުސްތަޤިއްލު ބާރެއް. އަދި ފަނޑިޔާރުންނަކީ، ވަކި މުއްދަތެއް ނެތި، ދާއިމީ ގޮތެއްގައި އެ މަޤާމަށް ޢައްޔަންކުރެވޭ ބައެއް. އެހެންކަމުން، މިދެންނެވި މިނިވަންކަމާއި ބާރާ އެއްވަރަށް، އިންޞާފު ޤާއިމުކޮށްދިނުމަކީ، ފަނޑިޔާރުންގެ ފަރާތުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުގައި ވަނީ ޤާނޫނުއަސާސީން ފަނޑިޔާރުގެ މިނިވަންކޮށްދީފައިވަނީ ކޮންމެ މަރުޙަލާއެއްގެ ކޮންމެ ކޯޓެއްވެސް މިނިވަންކަމާއެކު ހިންގޭނެ ގޮތަށްކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން ފަނޑިޔާރުގޭގެ ކޮންމެ ކަމެއް ވެސް ހުންނަންވާނީ އެކަމަށް ބުރޫނާރާނެފަދަ ގޮތަކަށްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ފަނޑިޔާރުގެ މިނިވަންވާންޖެހޭ ސަބަބު ބަޔާންކުރައްވާފައެވެ.

"ސަރުކާރުގެ ނިންމުމަކާމެދު ހިތްހަމަނުޖެހިއްޖެނަމަ، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކާ މެދު ހިތްހަމަނުޖެހޭނަމަ، އެކަން ޙައްލުކުރަން ދާންއޮތް ތަނަކީ ފަނޑިޔާރުގެ. ހަމައެފަދައިން ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ ދެބަސްވުންތަކަށް، ޢަދުލުވެރި ޙައްލެއް ހޯދުމަށް ދާން އޮންނަ ތަނަކީވެސް ހަމައެއީ. މިއީ ރައްޔިތުންގެ ވެރިކަން ހިނގާ ކޮންމެ ޤައުމެއްގައި ވެސް، ދައުލަތުގެ ބާރުތައް ތަރުތީބުކުރެވި އިންތިޒާމުކުރެވިފައި ހުންނަގޮތް. މިރާއްޖޭގައިވެސް، ރައްޔިތުންގެ ޙައްޤުތައް ލިބިދިނުމުގައި، ދައުލަތުގެ ތިން ބާރުގެ ތެރެއިން، އެންމެ މުހިންމު ބާރަކަށްވެފައި މިއޮންނަނީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު. ފަނޑިޔާރުގެ މިނިވަން ވާންޖެހެނީ މި ސަބަބަށްޓަކައި." ރައީސް ވިދާޅުވިއެވެ.

ޤާނޫނުއަސާސީ އެކުލަވާލާފައިވަނީ ދައުލަތުގެ ތިން ބާރުވެސް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭ ގޮތަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފަނޑިޔާރުންނަކީވެސް ޤާނޫނުއަސާސީގެ އިމުގެތެރެއިން ޖަވާބުދާރީކުރެވެންޖެހޭނެ ބައެއްކަމަށެވެ.

"އިންޞާފު ހޯދަން ދާ މީހާގެ ޙައްޤެއްއެއީ މުޅި މުޖްތަމަޢުގެ ޙައްޤެއް. ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވުމުގެ އަނެއް އުޞޫލަކީ، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބު ދިނުން. ރައްޔިތުންގެ މަޖިލީހަކީ، މިހާރުވެސް އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވާ އެއް ތަން. ހަމައެފަދައިން ފަނޑިޔާރުގެއަކީ ވެސް، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބުދޭ ތަނަކަށްވާ ނަމަ، ފަނޑިޔާރުގޭގެ މިޞްރާބު ސީދާކުރަން ވަރަށް ފަސޭހަވާނެ." ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ވެރިކަމެއްކުރާއިރު ރައްޔިތުންނާ އެންމެގާތުން ޚިދުމަތްދޭ ތަނަކަށް ވާންޖެހޭނީ ފަނޑިޔާރުގެކަމަށް ރައީސް ޞަލިޙް ވިދާޅުވިއެވެ. ބާރުތައްވަކިވެ މިނިވަން ފަނޑިޔާރުގެއެއް ހުރުމުގެ އަސާސަކީ ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ކަމުގެ ޖާމިނުވުމެކެވެ. އެކަން ބިނާވެފައި އޮންނަނީ، ފަނޑިޔާރުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމުގެ މައްޗަށްކަމަށެވެ.