ޚަބަރު

މިނިސްޓަރ ޢާއިޝަތު ޢަލީ މިޞްރުގެ އެޑިއުކެޝަން މިނިސްޓަރާ ބައްދަލުކުރައްވައިފި


ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ މަންދޫބުންގެ ގޮތުގައި މިހާރު މިޞްރުގެ ޤާހިރާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު މިޞްރުގެ އެޑިއުކެޝަން އެންޑް ޓެކްނިކަލް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޠާރިޤް ޤަލާލް ޝައުގީއާ ބައްދަލުކުރައްވައިފިއެވެ.

މިޞްރަށް ކުރައްވާ މި ދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ އާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައިވެރިވެވަޑައިގަންނަވައެވެ.

މިބޭފުޅުން މިޞްރަށް ކުރައްވާ މި ދަތުރުފުޅަކީ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ދިމާވެފައިވާ ޓީޗަރުން ހަމަނުވުމުގެ މައްސަލަ ހައްލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ
މި ދަތުރުފުޅުގައި މިނިސްޓަރުން ވަނީ މިޞްރުގެ އަލްއަޒްހަރު ޝާރީފްގެ އިމާމު ޑރ.އަޙްމަދު އަލްޠައްޔިބާ ބައްދަލުކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވާގޮތުގައި މިދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. ޢަރަބިއްޔާގެ ޓީޗަރުންގެ މައްސަލަ ޙައްލުކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ މިދަތުރުފުޅުގެ އެންމެ މުހިންމު އެއް މަސައްކަތެވެ. މީގެއިތުރުން މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި އެދަރިވަރުންނަށް ބޭނުންވާ ކަންކަމުގައި ލުއިފަސޭހަ ކޮށްދެވޭ ކަންކަމާމެދު މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

މިދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މިޞްރުގެ ބައެއް ޢިލްމުވެރިންނާ މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި ރާއްޖޭގައި އީސްލާމްދީން ކުރިއެރުވުމާއި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމަށް މިޞްރުން ލިބެންހުރި އެހީތެރިކަމާއި އެއްބާރުލުމަކީ ކޮބައިތޯ ބައްލަވާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.