ޚަބަރު

ޓޯކުރި 238 އެއްގަމު އުޅަނދު ނައްތާލުމުގެ މަސައްކަތް ފަށައިފި


ޤަވާޢިދާ ޚިލާފަށް މާލޭގެ މަގުތަކުގައި ޕާކުކޮށްގެން ޓޯކުރި 238 އެއްގަމު އުޅަނދު ނައްތާލުމަށް ތިލަފުއްޓަށް ގެންދަންފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން މިއަދު ވިދާޅުވީ، ޤަވާއިދާ ޚިލާފަށް މާލޭގެ މަގުމަތީގައި ޕާކުކުރުމާއި ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 58 ކާރާއި، 180 ސައިކަލު ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިއުޅަނދުތައް ނައްތާލަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމައްފަހުގައި ކަމަށާއި، ނައްތާލާ އުޅަނދުތައް ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.

މަގުމަތީގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯ ކުރުމަށްފަހު، އެ އުޅަނދުތަކާއި ހަވާލުވުމަށް އާންމުކޮށް އިޢުލާންކޮށް ވެރިފަރާތުން ނުގެންގޮސް ހުންނަ ވެހިކަލްތައް ޤަވާއިދާއެއްގޮތަށް ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ޓޯކުރާ އުޅަނދުތަކުގެ ތެރޭގައި އެއްވެސް ތަނެއްގައި ރަޖިސްޓްރީ ނުކޮށް ހުންނަ އުޅަނދުތައްވެސް މީގެކުރިން ފުލުހުން ވަނީ ނައްތާލާފައެވެ.

މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ޤަވާއިދުން ނަގަން ފެށުމަކީ ސަރުކާރުގެ ސަތޭކަދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ މަސައްކަތެކެވެ.