ސިޔާސީ

އިދިކޮޅު މެމްބަރުންގެ އިހްތިޖާޖާއެކުވެސް ޖަލްސާ ކުރިއަށް


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް އިދިކޮޅު މެމްބަރުން ހުރަސްއަޅުއްވައި ތަޅުމުގައި އިހްތިޖާޖް ކޮށްފިއެވެ.ހެނދުނު ނުވައެއް ޖެހިއިރު ޖަލްސާފެށުމާއިއެކު އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުގެ ރައީސްގެ މޭޒުކޮޅު ދޮށަށްއެއްވެ އަޑުގަދަކުރާ ބޭނުންކުރައްވައިގެން އަޑު އުފުލާފައެވެ.ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށިފަހުން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ގެންދަވަނީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ބާރުއެޅުމުގެ ގޮތުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރައްވަމުންނެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް އެޖެންޑާކޮށްފައިވަނީ އެންމެ މަސައްކަތެއް. އެއީ ސަރުކާރުގެ ފަރާތުން ގެނމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށައަޅުއްވާފައިވާ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުމެވެ.މެމްބަރުން އަޑުގަދަކުރައްވަން ފެށްޓެވުމުން މިއަދުގެ ޖަލްސާވެސް ރިޔާސަތުން ކުރިއަށް ގެންދެވީ ލައިވް ފީޑް ކަނޑުއްވާލައްވައިގެންނެވެ.