ޚަބަރު

ރާއްޖޭގެ ތާރީޚު އަރުޝީފުކުރުމުގައި އޮޅުން އަރާފައި އެބަހުރި - ޤައުމީ އަރުޝީފު


ތާރީޚީ ތަންތަނާއި ތަކެތީގެ މަޢުލޫމާތު މިހާތަނަށް އަރުޝީފުކުރެވިފައިވަނީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށާއި، ޤައުމީ އަރުޝީފުން މިތާރީޚުތަށް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބްރޯޑްކާސްޓިންގގެ ޚިދުމަތް މެދުކެނޑުމެންނެތި ދެމުން އަނަންނަތާ ފަންސާސް އަހަރު ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ޤައުމީ އަރުޝީގެ ޑިރެކްޓާ ޖެނަރަލް މުހައްމަދު ޝާޠިރު ވިދާޅުވީ ރާއްޖޭގައި ބްރޯޑްކާސްޓިންގެ ޚިދުމަތް މެދުކެނޑުމެއްނެތި ދޭން ފެށީ 16 ފެބުރުއަރީ 1969 ގައި ކަމަށެވެ.

އެހެންނަމަވެސް އޭގެ ކުރިން ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ އަމިއްލފުޅު ތަނެއްގެ ގޮތުގައި، އެއަށްފަހު ސިނަމާ ކުންފުނީގެ ނަމުގައި ރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓް ކުރިކަން ތާރީޚުން އެނގެން އެބައޮތްކަމަށެވެ.

ރާއްޖޭގައި ބްރޯޑްކާސްޓިންގެ ޚިދުމަތް ފެށިކަމަށް ބުނާ މީޑިއާހައުސް ދިވެހިރާއްޖޭގެ އަޑު ވުޖޫދުވިތާ ފަންސާހަށްވުރެގިނަ އަހަރުވެފައިވާކަމަށް ބުނާބުނުމަކީ މިކަމުގެ ތާރީޚު ރަނގަޅަށް އަރުޝީފު ނުކުރެވި ހުރުމުން އަރާފައިވާ އޮޅުމެއްކަމަށްވެސް ޝާޠިރު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އަޑަށް ފަންސާސް އެތަށް އަހަރެއް ވެއްޖެކަމަށް ފާހަގަކުރަމުން އެދާއިރާގައި އަޅުގަނޑުމެން ތާރީޚީގޮތުން އެބަޖެހޭ ކަނތްއްތަކެއް ބަލަން. ދިވެހިރާއްޖޭގެ އަޑަށް ފަންސާސް އެތަށް އަހަރެއް ފުރުނޭ ބުނުމަކީ އެންމެ ރަނގަޅު މަފްޙޫމެއް ނޫން. ރާއްޖޭގައި ފަހަގަކުރަނީ ބްރޮޑްކާސްޓިންގް ފެއްޓެވީ ކުރީގެ ރައީސް އިބްރާހިމް ނާސިރު އަމިއްލަފުޅަށް ވަޒީރުލް އައުޒަމްކަމުގައި ހުންނަވައިގެން." ޝާތިރު ވިދާޅުވިއެވެ.

ތާރީޚީ ތަންތަނާއި ތަކެތީގެ މަޢުލޫމާތު މިހާތަނަށް އެއްކުރެވިފައިވަނީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަން ފާހަގަކުރައްވަމުން ޝާޠިރު ވިދާޅުވީ ޤައުމީ އަރުޝީފުން މިކަންކަން ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށެވެ. އެގޮތުން ބައެއް ސްކޫލްތަކުގެ ތާރީޚީ ކަންކަމުގައި އޮޅުންއަރާފައިވާ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ޝާތިރު ފާހަގަކުރެއްވިއެވެ.

"ހިޖުރީ ތާރީޚު މީލަދީ ތާރީޚަށް ބަދަލުކުރުމުގެ ތެރޭގައި މަޖީދިއްޔާގެ އަދި އަމީނިއްޔާގެވެސް އަސްލު އަހަރީ ދުވަސް އޮޅިފައި މިވަނީ. އެގޮތުން މަޖީދިއްޔާގެ ހަޤީޤީ އަހަރީ ދުވަހަކީ 20 އޭޕްރީލް 1927 އެކަމު ސްކޫލުން ފާހަގަކުރަނީ، 19 އޭޕްރީލްގައި. އަދި އަމީނިއްޔާގެ ހަޤީޤީ އަހަރީދުވަހަކީ، 1944 ވަނަ އަހަރުގެ 27 ނޮވެމްބަރ ނަމަވެސް އެ ސްކޫލުން މި ދުވަސް ފާހަގަކުރަނީ 28 ނޮވެމްބަރގައި." މުހައްމަދު ޝާތިރު ވިދާޅުވިއެވެ.

ރާއްޖޭގެ އަޑަށް 50 އަހަރު އަދި ނުފުރޭކަމަށް ޤައުމީ އަރުޝީފުން ވިދާޅުވާއިރު، ދިވެހިރާއްޖޭގެ އަޑުންވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 29ވަނަ ދުވަހު ރޭޑިއޯގެ 56ވަނަ އަހަރީދުވަސް ފާހަގަކޮށްފައެވެ.