ސިޔާސީ

މެމްބަރުންގެ އިހްތިޖާޖާހެދި މިއަދުގެ ޖަލްސާވެސް މެދުކަނޑާލައިފި


އިދިކޮޅު މެމްބަރުންގެ އަޑުގަދަ ކުރުމާއި އިހްތިޖާޖްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފިއެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ފެށުމާއިއެކު އިދިކޮޅު މެމްބަރުންވަނީ، އަޑުގަދަކޮށް ކަށިގަނޑުފުމެހަދާފައެވެ. އަދި މަޖިލީހުގެ ރައީސްއިންނަވާ މޭޒުކޮޅު ކައިރިއަށް ވަޑައިގެން ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލާފައިވެސް ވެއެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް އެޖެންޑާކޮށްފައި ވަނީ އެންމެ މަސައްކަތެކެވެ. އެއީ ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ހުށައަޅުއްވާ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި ބެހޭ ބިލްގެ ބަހުސް ކުރިއަށްގެންދިއުމެވެ.ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވިފަހުން ހަތަރު ޖަލްސާ ބާއްވާފައިވާއިރު އެހުރިހާ ޖަލްސާއެއްވެސްވަނީ އިދިކޮޅު މެމްބަރުންގެ އިހްތިޖާޖްގެ ސަބަބުން ކުރިއަށް ނުގެންދެވިފައެވެ.