ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ. 
ރައީސް ނަޝީދު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މޯދީއާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަކީ މާލީގޮތުން ހަރުދަނާ އަދި ސަލާމަތީގޮތުން ރައްކާތެރިކަން ޤާއިމްވަފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަކީ ރާއްޖޭގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކަށްވެސް މުހިއްމުކަމެއްކަމަށެވެ. 
މިބައްދަލުކުރެއްވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލު ނުދެންނެވިނަމަވެސް މޯދީއާ ބައްދަލުކުރެވުމުން އުފާކުރައްވާކަމަށެވެ. 
ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އެމަނިކުފާނުވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖްއާ ވެސް ބައްދަލުކުރައްވާފައެވެ. ނިއުދިއްލީގައި އިއްޔެ ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދާއި، ސުޝްމާ ސުވަރާޖް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ހައްދުފަހަނައަޅައިދިއުމުގެ އިތުރުން  ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ގުޅިގެން ހުރި ދަރަނީގެ މައްސަލަތަކާއި ގުޅިގެން އެދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. 
ރައީސް ނަޝީދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކައުންސިލް ފޯރ ކަލްޗަރަލް ރިލޭޝަންސްގެ ދަޢުވަތަކަށާއި، ޖަވާހަރުލާލު ނެހެރޫ ޔުނިވަރސިޓީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.