ޚަބަރު

ޚިޔާނާތުގެ ރިޕޯޓު ރައީސަށް ފެނިވަޑައިގަތީ ޢާއްމުކުރިފަހުން - ތަރުޖަމާނު


އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން އެކުލަވާލި ރިޕޯޓު ރައީސް ޞާލިޙަށް ފެނިވަޑައިގެންނެވީ އެ ރިޕޯޓު ޢާއްމުކުރި ފަހުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އޭސީސީން ނެރުނު ރިޕޯޓާއި ގުޅިގެން އެ ރިޕޯޓަކީ މި ސަރުކާރުގެ އިސް ފަރާތްތަކަށް ކުރިން ފެނިފައިވާ ރިޕޯޓެއް ކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ، އެކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާޙީމް ޙޫދު ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން އެކުލަވާލި ރިޕޯޓު ރައީސް ޞާލިޙާއި ސަރުކާރުގެ އިސްވެރިންނަށް ވެސް ފެނިވަޑައިގެންނެވީ އެ ރިޕޯޓު ޢާއްމުކޮށް ނެރުނު ފަހުން ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާޙީމް ހޫދުގެ ޓްވީޓު

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ނެރުނު ރިޕޯޓުގައި މި ސަރުކާރުގެ މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރެއްގެ ނަން ވަނީ ހިމެނިފައެވެ. އެއީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފެވެ. އެ ދެބޭފުޅުންނަށް ޚިޔާނާތުގެ ފައިސާގެ ބައެއް ލިބިފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ރައީސް އޮފީހުން ވަނީ އެ ދެ ބޭފުޅުން ގޭގައި މަޑުކޮށްލައްވަން އަންގާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ނެރުނު ރިޕޯޓްގައި ހިމެނޭ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްސަލަ ވީ އެއްމެ އަވަހަކަށް ޝަރީއަތަށް ފޮނުވައި ދެއްވުމަށް ރައީސް ޞާލިޚް ވަނީ ގޮވާލައްވާފައެވެ. އަދި އެ ރިޕޯޓު ހާމަނުކޮށް ލަސްކުރި ސަބަބާމެދު ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.