ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމުގެ ދަށުން ފެށި ރަށްފެހި ކެމްޕެއިންގެ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ އިން ޚާއްސަ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ސްޓެލްކޯއަކީ ރަށްފެހި ކެމްޕެއިންގައި ބައިވެރިވި ފުރަތަމަ ކުންފުންޏެވެ.
ސަރުކާރުން ކުރިއަށްގެންދާ ރަށްފެހި ކެމްޕެއިންގައި ބައިވެރިވެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތް ފަށްޓަވައިދެއްވީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ.
މި ޙަރަކާތް ފައްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ރަޝީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ތިލަފުއްޓަކީވެސް ހުޅުމާލެފަދައިން އާއިލާއާއެކު ވަގުތު ހޭދަކުރަން ފަސޭހައިން އާދެވޭ ހިތްފަސޭހަ ރަށެއްގޮތުގައި ހެދުންކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، ގަސްއިންދުމުގެ މިހަރަކާތަކީ ފެށުމެއްކަމަށާއި މި ހަރަކާތުގައި އިންދާ ގަސްތައް ހެދިބޮޑުވާ މިންވަރުވެސް އެ ކުންފުނިން ވަރަށް ގާތުން ބަލަމުންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޙަރަކާތް އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
"މި ހަރަކާތް ސްޓެލްކޯއިން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެން މިހަރަކާތުގައި ގަސްއިންދުމަށްފަހު ނިންމާލާކީ ނޫން. އަޅުގަނޑުމެން މި ގަސްތަށް ގާތުން މޮނީޓަރ ކުރަމުންދާނަން." ހަސަން މުޣުނީ ވިދާޅުވިއެވެ.
ސްޓެލްކޯއިން ވަނީ މިހަރަކާތް ކ ތިލަފުށީގެ އިތުރުން ރާއްޖޭގައި ސްޓެލްކޯގެ އިންޖީނުގެ ހުރި 35 ރަށެއްގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިހަރަކާތުގައި ސްޓެލްކޯގެ އެއްހާހަށްވުރެ ގިނަ މުޢައްޒަފުން ބައިވެރިވެ ފަސް ހާހަށް ވުރެ ގިނަ ގަސްވަނީ އިންދާފައެވެ.