ޚަބަރު

ޙިޔާނާތުގެ ފައިސާގައި ޖެހުނުކަން ސާބިތުވެއްޖެނަމަ އިސްތިއުފާދޭނަން - މަޙްލޫފް


އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ މަޤާމުން އިސްތިއުފާދެއްވާނެކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަޙްޤީޤްކޮށް ނެރުނު ރިޕޯޓްގައި އެމަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ތިރީސް ތިންހާސް ޑޮލަރު ނުވަތަ ފަސްސަތޭކަ ތިރީސް ނުވަހާސް ހަތްސަތޭކަ ރުފިޔާ ޖަމާކޮށްފައިވާކަން ހާމަވެފައިވަނިކޮށެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާއި ގުޅިގެން އޭސީސީން ކުރި ތަހުޤީގަށް ފަހު މިއަދު އާއްމުކުރި ރިޕޯޓްގައިވާ ގޮތުން މަޖިލިސް ބައެއް މެމްބަރުންގެ އެސްއޯއެފް އެކުންޓްތަކުން ވަނީ ފައިސާ ޖަމާކޮށްދީފައިވެއެވެ. އެގޮތުން މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ނުވަތަ 539،700 ރުފިޔާ ޖަމާކޮށްދީފައިވާކަމަށް އޭސީސީގެ ރިޕޯޓްގައިވެއެވެ.

ޔޫތު މިނިސްޓަރ މަޙްލޫފް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ މުއާމަލާތް ހިނގާފައިވަނީ މީގެ ފަސް އަހަރު ކުރިން ކަމުން، އެކަމާ ދޭތެރޭ ކުޑަވެސް ފަރުވާލެއް ބެހެއްޓިފައި ނެތް ކަމަށެވެ. އަދި އެމުއާމަލާތަކީ މަހްލޫފްގެ އާއިލާއިން ހިންގާ ފިހާރަ "ދަ ޖިންސް"ގެ ނަމުގައި ފިހާރައެއް ހިންގި ދުވަސްވަރު ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްޙަ ކަރަންސީ އެކްސްޗޭންޖްގެ މުޢާމަލާތެއް ކަމަށްވެސް މިނިސްޓަރ މަޙްލޫފުގެ ބަޔާނުގައިވެއެވެ.

އެސްއޯއެފްގެ މުޢާމަލާތްތަކާއި ގުޅިގެން އޭސީސީއިން ހިންގި ތަޙްޤީޤްގައި އެތައް ސަތޭކަ ބަޔަކާއި ސުވާލުކޮށް އެތައް ހާސް ޑޮކިއުމަންޓްތަކެއް ދިރާސާކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމަށާއި، ނަމަވެސް 2 އަހަރަށްވުރެ ގިނަދުވަސްވީ ތަޙްޤީޤްގުގައި އެމަނިކުފާނާ އެއްވެސް ސުވާލެއްކޮށްފައި ނުވަކަމަށާއި، އެފަދަ އިޝާރާތެއްވެސް ކޮށްފައި ނުވަކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

ފާއިތުވި ފަސް އަހަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކޮށްފައިވާކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނަތުގައި ފައިސާ ޖަމާކުރި އެސްއެއެފްގެ އެކައުންޓަކުން ފައިސާ ޖަމަވާވެފައިވާކަން އެނގުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށްވެސް މަހްލޫފްގެ ބަޔާނުގައިވެއެވެ. އަދި އެ މައްސަލަ އޭސީސީންނާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކޮމިޝަނުން އަވަހަށް ބެލުމަށްފަހު އެ މަޢުލޫމާތުތައް ރައްޔިތުންނާ ޙިއްސާކޮށްދެއްވުމަށް ދެއްވުމަށްވެސް އެދިވަޑައިގަންނަވާކަމަށްވެސް މަހްލޫފްގެ ބަޔާނުގައިވެއެވެ.