މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީން) އަމިއްލައަށް އިސް ނަގައިގެން ކުރިއަށް ގެންދިޔަ ތަޙްޤީޤު ނިންމައި ރިޕޯޓު ޢާއްމުކޮށްފިއެވެ.
އޭސީސީގެ ވެބްސައިޓުގައި ޢާއްމުކޮށްފައިވާ މި ރިޕޯޓުގައި 57 ރަށެއްގެ މައްސަލަ ބަލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އެމް.އެމް.ޕީ.އާރ.ސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އެގޮތުން ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 77.45 މިލިއަން ޑޮލަރު އެމްއެމްޕީއާރްސީއަށް ލިބެންޖެހެއެވެ. ނަމަވެސް މި ދެންނެވި ފައިސާގެ ތެރެއިން އެކުންފުންޏަށް ވަދެފައިވަނީ އެންމެ 12.5 މިލިއަން އެމެރިކާ ޑޮލަރެވެ. މި ފައިސާގެ ތެރެއިން 1.5 މިލިއަން ޑޮލަރު މިލޭނިއަމް ކެޕިޓަލް މެނޭޖުމަންޓު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔައި ކުންފުންޏަކަށް ވަނީ ޖަމާކޮށްފައެވެ. ނަމަވެސް އެއީ ކޮން ކަމަކަށް ދޫކުރި ފައިސާއެއް ކަމެއް ލިޔެ ލިޔެކިއުމުން އެނގެން ނެތް ކަމަށް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. މި ފައިސާގެ އިތުރުން ޅ. މާބިންހުރާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ކުރެއްދޫ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ ފަސް މިލިއަން އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާނުކޮށް ސީދާ މިލޭނިއަމް ޕްރައިވެޓް ލިމިޓެޑަށް ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުން ދައްކައެވެ. އެހެންކަމުން މުޅި ޖުމްލަ 6.5 މިލިއަން ޑޮލަރު ފަޅުތަކާއި ރަށްތައް ވިއްކައިގެން ލިބުނު ލާރިން މިލޭނިއަމް ޕްރައިވެޓް ލިމިޓެޑަށް ވަނީ ޖަމާކޮށްފައެވެ.
މި ރިޕޯޓުން އެނގޭ ގޮތުގައި 57 ރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ 77.45 މިލިއަން ޑޮލަރުގެ ތެރެއިން އެންމެ ގިނަ ފައިސާ ޖަމާކޮށްފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަށެވެ. އެގޮތުން އެމްއެމްޕީއާރްސީއަށް ނުވަދެ ސީދާ ކުންފުންޏަށް 59.45 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އަދި އެމްއެމްޕީއާރްސީގެ އެކައުންޓަށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ޖަމާކޮށްފައިވާ ހަމައެކަނި ފައިސާ، 12.5 މިލިއަން ޑޮލަރުގެ ތެރެއިންވެސް 5.35 މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.
އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާއި މިލޭނިއަމް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އިތުރު ދެ ފަރާތަކަށް ވަނީ ލިބިފައެވެ. އެއީ އެމްޔޫ ސްޓޯރަށާއި ޢަބްދުﷲ އާސިމް ނަމަކަށް ކިޔާ މީހަކަށެވެ. އޭގެރެއިން އެމްޔޫ ސްޓޯރަށް ހަތަރުލައްކަ ޑޮލަރު ޖަމާކޮށްފައިވާއިރު ޢަބްދުﷲ އާސިމަށް އެއްލައްކަ ޑޮލަރު ވަނީ ޖަމާކޮށްފައެވެ.
އެމްއެމްޕީއާރްސީގެ ރިޕޯޓުން އެނގޭ ގޮތުގައި އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ފައިސާގެ އިތުރުން އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ ވަނީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ޚިޔާނާތުގެ ގޮތުގައި ދިވެހި ފައިސާއިންވެސް ވަނީ އެތައް މިލިއަން ރުފިޔާއެއް އެކި ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފައެވެ. އެގޮތުން މިލޭނިއަމް ކެޕިޓަލް މެނޭޖުމަންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށާއި ހާމިދު އިޞްމާޢީލްގެ އެކައުންޓަށް 38.3 މިލިއަން ރުފިޔާ ހިމެނޭ ގޮތުން މުޅި ޖުމްލަ 76.6 މިލިއަން ރުފިޔާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޚިޔާނާތުގެ ގޮތުގައި ޖަމާކޮށްފައިވާކަން އޭސީސީގެ ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަ އޭސީސީން ވަނީ ކުރިން ބަލާފައެވެ. އަދި އެ މައްސަލާގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވަންވެސް ފޮނުވާފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް އެންމެ ގިނަ ދިވެހި ފައިސާ ޖަމާކޮށްފައި ވަނީވެސް ކުރިން އެކުއިޒުޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާވެސް އެންމެ ގިނައިން ޖަމާކޮށްފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންޏަށް ދިވެހި ފައިސާގެ ގޮތުގައި އެމްއެމްޕީއާރްސީން އެއްލައްކަ ހަތާވީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްފައެވެ. ރިޕޯޓުން އެނގޭ ގޮތުގައި މި ފައިސާ ޖަމާކޮށްފައިވަނީ އެކި ދުވަސްމަތިން އެކި ޢަދަދުތަކަށެވެ. ފައިސާ ޖަމާކޮށްފައި ހުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިންނެވެ.
ދިވެހި ފައިސާގެ ގޮތުގައި އެމްއެމްޕީއާރްސީން އެސްއޯއެފްއަށް ޖަމާކޮށްފައިވާ 127 މިލިއަން ރުފިޔާއަކީ "ފިކްސްޑް ޓަރމް ޕްރޮމިސަރީ ނޯޓް"ގެ ގޮތުގައި އެގްރީމަންޓްތަކެއްގައި ސޮއިކޮށްގެން ޑޮލަރު ގަތުމަށް ދޫކޮށްފައިވާ ދިވެހި ރުފިޔާއެވެ.