ތަޢުލީމު

ތަޢުލީމީ ފުރުޞަތުތަކާއެކު ޤައުމީ ތަރައްޤީގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ރައީސް ގޮވާލައްވައިފި


ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ލިބިގެންދާ އަގުބޮޑު ފުރުޞަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، ޤައުމީ ތަރައްޤީގެ ބައިވެރިއަކަށްވުމަށް، ދިވެހި ހުރިހާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުން މިއަދު އިފްތިތާޙްކުރެވިގެން ދިއުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ތަރައްޤީއަށްޓަކައި، ވެވަޑައިގެންނެވި މުޙިއްމު ވަޢުދެއް މިއަދު މިވަނީ ފުއްދިފައެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުން އިފްތިތާޙްކުރުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ވެރިކަމާ ޙަވާލުވެވަޑައިގެން ޤައުމު ތަރައްޤީ ކުރެއްވުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ތެރެއިން ތަޢުލީމީ ދާއިރާއަށް، ސަރުކާރުން ވަކިން ޚާއްޞަ އިސްކަމެއް ދިނީ ތަރައްޤީގެ އެންމެ މުހިންމު އަސާސަކީ ތަޢުލީމީ ޖީލެއް ބިނާކުރުން ކަމަށްވާތީކަމަށެވެ.

މިކަމަށް މަގުފަހުކުރުމަށްޓަކައި މި އަހަރުގެ ބަޖެޓުގައިވެސް އެންމެ މަތީ އިންސައްތައެއް ސަރުކާރުން ޚާއްޞަކޮށްފައިވާނީ، ތަޢުލީމީ ދާއިރާއަށްކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް، ބަޖެޓުގެ މިހާ މަތީ މިންވަރެއް، ތަޢުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ޞާލީހް ވިދާޅުވީ މިއަދު ސަރުކާރުން މި ފަހިކޮށްދޭ ފުރުޞަތަކީ، ރާއްޖޭގެ ރައްޔިތުންނަށްޓަކައި، ޚާއްޞަކޮށް ދިވެހި ޒުވާނުންނަށްޓަކައި، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ފަދަ ރަނުގެ ފުރުޞަތެއްކަމަށެވެ. އަދި ހުރިހާ ދަރިވަރުންވެސް މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"ފުރަތަމަ ޑިގްރީ ޙާޞިލްކުރަން ބޭނުންވެ، އެކަން ނުފެށި ތިބި ދިވެހި ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ، ތިޔަ ޒުވާނުން މިހުރިހާ ދުވަހު ތިބި މާޔޫސްކަން، މާތް ﷲގެ ވާގިފުޅާއެކު، މިއަދު އިރާދަކުރެއްވިއްޔާ ފިލައިގެން މި ދިޔައިއްޔޭ. އެހެންވީމާ، މި އަގުބޮޑު ފުރުޞަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، ޤައުމީ ތަރައްޤީގެ ބައިވެރިއަކަށްވުމަށް، ދިވެހި ހުރިހާ ޒުވާނުންނަށް އަޅުގަނޑު ގޮވައިލަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު، ވީހާވެސް ގިނަ ދަރިވަރުންނަށް ތަނަވަސްކޮށްދިނުންކަން ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމް ހާސިލްކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ތަކްލީފެއް ނެތި، ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިފުރުޞަތު ރާއްޖޭގައި ތިބެކިޔަވާ ދަރިވަރުންނަށް ލިބިގެންދާއިރު، ބޭރުގެ ޤައުމުތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށްވެސް ލުއި ފަސޭހަ ގޮތަކެއް ހައްދަވައިދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ތިބެގެން ހިލޭ ފުރަތަމަ ޑިގްރީ ޙާޞިލް ކުރުމުގެ ފުރުޞަތު މިއަދު ހުޅުވިގެން ދިޔައިރު، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް މިހާރު ވާނީ، ވަރަށް ބޮޑެތި ލުއިތަކެއް ހަމަޖައްސައިދީފައި. އެއީ، އެ ދަރިވަރުން ނަގާފައިވާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކޮށްދިނުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރެވިގެންދާއިރު، ސަރުކާރުގެ ދެ ޔުނިވަރސިޓީކަމަށްވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީއަށް ހިންގާ ހުރިހާ ކޯސްތަކެއްގައި، މުޅިން ހިލޭ ކިޔެވުމުގެ އިންތިޒާމު، މިއަދުން ފެށިގެން ހަމަޖެހިގެންދާނެއެވެ. އަދި އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަރަށް މަތީ އިންސައްތައެއް ދައުލަތުން ދައްކައިދޭނެއެވެ.

އަދި ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭނަމަ، ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީ ވެސް، މި އުޞޫލާ އެއްގޮތަށް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި މަތީ ތަޢުލީމް ހާސިލްކުރަން ކުރިމަތިލާ ޒުވާނުންގެ ޢަދަދު އަހަރުން އަހަރަށް އިތުރުވަމުދާއިރު، ސަރުކާރުގެ ދެ ޔުނިވަރސިޓީ އާއި އަމިއްލަ ކޮލެޖްތަކުގައި، މިހާރުވެސް 8،000 ހަށްވުރެ ގިނަ ދަރިވަރުން، ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ގެންދެއެވެ. ހިލޭ ކިޔެވުމަށް މިއަދު މި ހުޅުވައިލި ފުރުޞަތާއެކު، މި ޢަދަދު 9،000 އާއި 10،000އާ ދެމެދުގެ ޢަދަދަކަށް އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.