ވިޔަފާރި

ލޭނު މަސްވެރިކަމަށް ތަމްރީނުދޭ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމައިފި


ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ރާއްޖެއަށް ތަޢާރަފްކުރުމަށްޓަކައި ލޭނު މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ ސިނާޢަތުގައި މަސްވެރިންގެ ހިއްސާ އިތުރުކޮށް، މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން ޒުވާނުން މިދާއިރާއަށް ނިކުންނަ މިންވަރު އިތުރުކުރުމަށްޓަކައި މި އަހަރުވެސް ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމުތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ތިއަރީ ސެޝަންތަކާއި އަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލައިގެންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި މަސްވެރިކަން ކުރުމަށް ޝަޢުޤުވެރިކަން ހުރުމާއިއެކު މަސްވެރިކަމުގައި އަމަލީގޮތުން ޙަރަކާތްތެރިވާ ފަރާތެއްކަމުގައި ވުމާއި 18 އަހަރު ފުރިފައިވުން ހިމެނެއެވެ. ނަމަވެސް 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިއެއްގެ ހުއްދަ ލިބިގެންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީއާއި ގުޅޭނެ ފޯނު ނަންބަރާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއިއެކު މާޗް 14 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒަށް ހުށަހަޅަން ޖެހެއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ވަކި އެލަވެންސެއް ވެސް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ލޭނު މަސްވެރިކަމުގައި އަމަލީ ތަޖްރިބާ ފޯރުކޮށްދީ ލޭނު މަސްވެރިކަމުގެ އާލަތްތަކާއި އުކުޅުތަކަށް ޒުވާނުން އަހުލުވެލިކުރުމަށްޓަކައި މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތެކެވެ.