ޚަބަރު

ހުކުރު ދުވަހު ހެންދުނު މާލޭގެ 4 އަވަށުން 4 މަގު ބަންދުކުރަނީ


ސަރުކާރުގެ ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ދަށުން، ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް، އަންނަ ހުކުރު ދުވަހު މާލޭގެ ހަތަރު އަވަށުން ހަތަރު މަގެއް ބަންދުކުރުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މި ނިންމުމަކީ މާލޭޭގައި ކާރުބާރުބޮޑު މާޙައުލުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާޙައުލެއް ހޯދައިދީ، އިޖްތިމާޢީ ގުޅުން ވަރުގަދަކުރުމަށް ކުރިއަށްގެންދާ ކަމެއްކަމަށެވެ.

މި މަސައްކަތް ފަށާއިރު ފުރަތަމަ ބަންދުކުރުމަށް ނިންމާފައިވާނީ ކޮންމެ އަވަށަކުން މަގެކެވެ. އެއީ މާފަންނުން ސަބުދެލި މަގާއި މައްޗަންގޮޅީން ދަނބުރުއް މަގާއި ގަލޮޅުން ދޮން އަނދަރާދު ހިންގުން، އަދި ހެންވޭރުން ލަންސިމޫގޯޅިއެވެ. މި މަގުތައް ބަންދުކުރާނީ ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ހަގަޑި ތިރީހުން، ދިހަގަޑިތިރީހާއި ހަމައަށެވެ.


ސިފާ ވިދާޅުވީ މަގުތައް ބަންދުކުރުމުގެ މަސައްކަތް ލަސްވީ ފުލުހުންނާއި ޓްރާސްޕޯޓް މިނިސްޓްރިއާއި ގުޅިގެން، އެކަން ރަނގަޅަށް ރޭވުމަށް ވަގުތު ނެގުމާއި ގުޅިގެންކަމަށެވެ. އެގޮތުން މަގުތައް ބަންދުކުރާ ހަތަރު ސަރަޙައްދުގެ ޓްރެފިކް ފްލޯ ރާވާލާފައިވާނީ، އެ ސަރަޙައްދުގެ އެހެން މަގުތަކަށް ދަތި ނުވާނެ ގޮތަށް ބަލައިގެންކަމަށް ސިފާ ވިދާޅުވިއެވެ.

"މިއީ ހަމަ ކުޑަކުދިންނާއި އާއިލާތަކަށް ނުކުމެލާ، އެންމެން އެކުގައި ވަގުތު ހޭދަކޮށް ކުޅވަރު ކުޅެލަން ފަހިކޮށްދޭ ކަމެއް. ކޮންމެ ހަރަކާތެއްވެސް ހިންގަންވާނީ އެއްވެސް ގެއްލުމެއް ނުވާގޮތަށް. އަދި މި ވަގުތު މަގުތަކަށް ނެރެ އެއްވެސް ވިޔަފާރިއެއް ކުރުން މަނާވާނެ" ޝިފާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ސަރަޙައްދުތައް ބަންދުކޮށް، އާންމުންނަށް އާއިލާއާއިއެކު ވަގުތު ހޭދަކުރެވޭނެ ގޮތަށް އިތުރު މަގުތައް ބަންދުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. ބޭރަށް ނުކުމެ އުޅޭ ވަގުތު މަގުތަކުގެ ސާފު ތާހިރުކަމަށް ސަމާލުކަންދިނުމަށްވެސް ސިޓީ ކައުންސިލުން އިލްތިމާސްކުރެއެވެ.