ޚަބަރު

ދުވަސްވީ މީހުންނަށް އަޅާނުލާ މައްސަލަތައް ރާއްޖޭގައި ގިނަ - މިނިސްޓަރ


އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ނުދިނުމުގެ މައްސަލަތައް ކުޑަ ޤައުމެއްގެ ނިސްބަތުން ރާއްޖޭގައި ގިނަ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދާ "ރަންވޭލާ" ކެމްޕޭންގެ މިއަހަރުގެ ހަރަކާތްތައް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ދިނުމާގުޅޭ 70 މައްސަލަ އެމިނިސްޓްރީއަށް ހުށަހެޅިފައިވާކަމަށެވެ. މިއީ ރާއްޖެފަދަ ކުޑަ ޤައުމަކާ އަޅައި ބަލާއިރު ނިސްބަތުން ބޮޑު ޢަދަދެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދާ ރަންވޭލާ ކެމްޕޭނަކީ މުޖުތަމުޢުގައި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށާއި، އެފަރާތްތަކުގެ ޖިސްމާނި އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމާ މެދު ހޭލުުންތެރިކުރުމަށް ކުރިއަންގެންދާ ކެމްޕޭނެކެވެ.

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާ ގުޅޭގޮތުން އެމިނިސްޓްރީއަށް ގިނައިން ހުށަހެޅެނީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލާނެ ފަރާތެއްނެތި، އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އަދި ރެކޯޑު ނުކުރެވޭ މިފަދަ ގިނަ މައްސަލަތައް މުޖުތަމަޢުގައި ހުންނާނެ ކަމަށާއި، އުމުރުން ދުވަސްވީ ބައެއް މީހުން ދުނިޔެ ދޫކޮށް ދަނީ އެ ހިތްދަތިކަމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޒަމާނުންސުރެ ދިވެހިންނަކީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ އިޙްތިރާމާއި ޤަދަރު ދެމުންދާ ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި އާދަ އެގޮތުގައި ދަމަހައްޓައި، ޢާއިލާއާއި މުޖުތަމަޢު ތެރޭގައި ބަސްބުނުމުގެ އިޚްތިޔާރު އެ ފަރާތްތަކަށް ހޯދައިދިނުމަށް ބާރުއަޅުއްވާނެކަމަށެވެ.

"ރަންވޭލާ" ކެމްޕޭންގެ މިއަހަރުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.