ޚަބަރު

ސިއްޙީ ޚިދުމަތަކީ އިންސާނީ ޚިދުމަތެއްގެ ގޮތުގައި ދެކިއްޖެ ނަމަ ގޮންޖެހުމުން އަރައިގަނެވޭނެ - ހެލްތު މިނިސްޓަރ


ސިއްޙީ ޚިދުމަތަކީ ހަމައެކަނި ވަޒީފާއެއްގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ނުދެކި، އިންސާނީ ޚިދުމަތެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކޮށްފިނަމަ، އެ ނިޒާމުގައި ހުރި އެތައް ގޮންޖެހުންތަކަކަށް ޚައްލުގެނެވޭނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

"ހޮސްޕިޓަލް މެނޭޖަރސް ފޯރަމް އޮން ހެލްތް ކެއަރ ޗެލެންޖް"ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މެނޭޖަރުންނާއި، ހެލްތް މިނިސްޓްރީގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އިސްވެރިން ބައިވެރިވެފައިވެވަޑައިގެންނެވިއެވެ. މި ފޯރަމަކީ ސަރުކާރުގެ ސިއްޙީ ސިޔާސަތުތަކަށް އަހުލުވެރިކޮށް، ސިއްހީ ޚިދުމަތްތައް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުން، މި ދާއިރާއިން ހާސިލްކުރަން ބޭނުންވާ ކަންކަމަށް ވާސިލުވުމަށް ކުރެވިދާނެ ކަންތައްތާކާއި ގުޅޭގޮތުން ޙިޔާލު ހޯދާ މަޝްވަރާ ކުރުމަށް ބޭއްވި ފޯރަމެކެވެ.

ފޯރަމްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މި ދާއިރާ ހަރުދަނާކުރެވޭނީ ސިއްޙީ ދާއިރާއާއި ގުޅުންހުރި މަސައްކަތްތައް ކުރާ ހުރި އިދާރާތައް ގުޅިގެންކަމަށެވެ. އެގޮތުން ސިއްޙީ ވަސީލަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ބޭސް އެތެރެކުރުމާއި، އެމަރޖެންސީގައި ފަރުވާދޭ އެކިއެކި ފަރާތްތަކުގެ އިތުރުން، ސިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކުގެ މުހިންމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ސިއްޙީ ޚިދުމަތަކީ އެންމެ އަސާސީ ޚިދުމަތަށްވާއިރު އެ ދާއިރާގައި މަސައްކަތްކުރާ ކޮންމެ މީހަކުވެސް ޚިދުމަތް ދޭންވާނީ އިންސާނީ ޚިދުމަތެއްގެ ގޮތުގައި އެ ޚިދުމަތް ދެކިގެން ކަމަށެވެ.

"މިއީ ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި ނުދެކި، އިންސާނީ ޚިދުމަތެއްގެ ގޮތުގައި ދެކިގެން ކުރަންވާނީ. ރަށްރަށުގައި ޚިދުމަތްތައް ހުރީ އެއްހަމައެއްގައި ނޫން. ނަމަވެސް ލިބެންހުރި ވަސީލަތްތަކާއިއެކު އެންމެ ފުރިހަމަ ޚިދުމަތް ދޭންވާނީ. އަދި ރަށްރަށައި އަތޮޅު ހޮސްޕިޓަލްތައް ގުޅިގެން މަސައްކަތް ކުރުން މުހިންމު." މިނިސްޓަރ ވިދާޅުވިއެވެ.

މި ފޯރަމްގެތެރެއިން ހޮސްޕިޓަލްތަކުގައި ހުރި މައްސަލަތައްވަނީ ޙިއްސާކޮށްފައެވެ އަދި 100ދުވަހުގެ ވަޢުދުގައި ހިމެނޭ ކަންކަމާއި، މި ފަސްއަހަރަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތުވަނީ އަރުވާފައެވެ. އޭގެތެރޭގައި އުމްރާނީ މަސައްކަތްތަކާއި، ޕަބްލިކް ހެލްތާއި، އެމަރޖެންސީ އިވެކުއޭޝަނާއި، ދާއިރާއަށް މީހުން ބިނާކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި ފޯރަމްގައި ވަނީ ނިންމާފައެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ މި ފޯރަމްގައި އައިޖީއެމްއެޗް، އޭޑީކޭ، އާސަންދަ، އެންސްޕާ، އެސްޓީއޯ، އެމްއެންޑީއެފް ފަދަ އިދާރާތަކުން ވަނީ ބައިވެރިވެފައެވެ.