ޖިނާޢީ ކުށްތައް ހުއްޓުވުމަށް ދެ ޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ރައީސް ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ވަޒީރުން މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ. މި އެއްބަސްވުމަކީ "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ނަމަކަށް ކިޔާ އެއްބަސްވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި އެއްބަސްވުމުގެ ބޭނުމަކީ ބޭނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާޢީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުން ކަމަށެވެ.
ރައީސް އޮފީހުން ވިދާޅުވީ އެ އެއްބަސްވުމުގައި ކޯޓަށް ހާޟިރުކުރުމާއި ކޯޓު އަމުރު ތަންފީޒުކުރުމުގައާއި އެހެނިހެން ޝަރުޢީ ކަންކަމުގައި އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެފަދަ މުޢާހަދާތަކުގެ ދަށުން ކުށް މަދުކުރުމަށާއި، ހުއްޓުވުމަށާއި އެފަދަ މައްސަލަތައް ތަހުޤީޤުކުރުމަށް ދެޤައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުންދިނުމަށް އެއްބަސްވުމުގައި ބާރު އަޅާފައިވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރައީސް އޮފީހުން ވިދާޅުވީ ޓެރަރިޒަމާއި ޓެރަރިޒަމްގެ ޙަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާޢީ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެ، ތަޙުޤީޤުކުރުމާއި ޝަރީޢަތްކުރުން ހަރުދަނާކުރުމުގެ ބޭނުމުގައި އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މި އެއްބަސްވުމުގެ ވަރަށްބޮޑު ބޭނުމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، އެޤައުމެއްގެ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިންނާއި އަދި މި އެއްބަސްވުމުގެ މާއްދާތަކާއި އެއްގޮތްވާ ގޮތުގެމަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާޢީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެއެވެ. އޭގެ ތެރޭގައި މައްސަލަ ތަޙްޤީޤުކުރުމުގައާއި، ޝަރީޢަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެޤައުމެއްގައި ޤާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީން ކަމަށް ބަޔާންކޮށްފައި ވެއެވެ. އެގޮތުން، ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސެންޓްރަލް އޮތޯރިޓީއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
މި އެއްބަސްވުމުގެ ދަށުން ހުށަހަޅާ އެއްވެސް މައްސަލައެއް ހުށަހެޅުމަށާއި އަދި އެމައްސަލައަކާ ގުޅިގެން ކުރަންޖެހޭ ޚަރަދެއް، މި އެއްބަސްވުމުގައި ކަނޑައެޅިގެން ބަޔާންކުރެވިގެންވާ ޚަރަދުތައް ފިޔަވައި، ދޭންވާނީ އެހުށަހެޅުމެއް ހުށަހަޅާ ޤައުމަކުންނެވެ.
ރައީސް އޮފީހުން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މިހާރު ޢާންމުވެފައިވާ ކުށްކުރުމާއި އަދި ޚާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ ތަޙުޤީޤުތައް ކުރިއަށް ގެންދިއުމަށާއި އަދި މައްސަލައާގުޅޭ ގޮތުން ހޯދަންޖެހޭ ހެކި ހޯދުމުގައާއި ތަޙުޤީޤުކުރުމަށް ބޭނުންވާ މީހުންނާ ސުވާލުކުރުމުގެ ފުރުޞަތުވެސް މިއެއްބަސްވުމުގެ ދަށުން ފުޅާވެގެންދާނެއެވެ.
ތަޙުޤީޤުކުރުމާއި މައްސަލަތައް ބެލުމުގައި ބޭނުންކުރާ އުޞޫލުތައް ތަރައްޤީކޮށް އެކަމުގައި ޢަމަލީގޮތުން ބައިވެރިވާ ފަރާތްތަކަށް ތަޖުރިބާކުރާ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތުވެސް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެއެވެ.
"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި މުޢާހަދާގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖްރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދަވާނެ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
އިންޑިޔާގެ އިތުރުން ސްރީލަންކާ، ޔޫ.އޭ.އީ، އަދި ރަޝިޔާ އާއެކުވެސް މިފަދަ މުއާހަދާގައި ސޮއިކުރުމާ ބެހޭ މަޝްވަރާތައް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.