ސިޔާސީ

އެމްޕީ ނާޒިމްގެ މައްސަލަތަކުގެ އަޑުއެހުންތައް ނިމިއްޖެ


މަކަރާއި ހީލަތް ހެދިކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ރައްޔިތުން މަޖްލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްއާއި ދެކޮޅަށް ސުޕްރީމްކޯޓްގައި އިސްތިއުނާފްކޮށްފައިވާ މައްސަލަތަކުގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ. މަކަރާއި ހީލަތް ހަދައިގެން ސަރުކާރެގެ ބައެއް ޕްރޮޖެކްޓްތައް ނާޒިމް ކާމިޔާބުކޮށްފައިވާކަމަށް ބުނެ އޭނާއާއި ދެކޮޅަށް ހަތަރު މައްސަލައެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލްކޯޓްގައި ދައުވާ އުފުލާފައިވީ ނަމަވެސް  އެ ހަތަރު މައްސަލަވެސް ނިމިފައިވަނީ ނާޒިމްއާއި އެއްކޮޅަށެވެ. އަދި ދަށުކޯޓްގެ ނިންމުން ހައިކޯޓްގައި އިސްތިއުނާފްކުރުމުން އެ މައްސަލަތައްވެސް ނިމިފައިވަނީ ނާޒިމްއާއި އެއްކޮޅަށެވެ.ނާޒިމާއި ދެކޮޅަށް ދައުލަތުން ސުޕްރީމްކޯޓްގައި އިސްތިއުނާފް ކޮށްފައިވާ ހަތަރު މައްސަލައިގެ އަޑުއެހުންތައް ތަފާތު ހަތަރު ވަގުތެއްގައި މިއަދު ބާއްވަން އޮތްނަމަވެސް ފުރަތަމަ ބޭއްވި އަޑުއެހުމުގައި މި ހަތަރު މައްސަލައިގެ  އަޑުއެހުންތައް ނިމުނީކަމަށް ފަނޑިޔާރންގެ ބެންޗުން އިއުލާންކޮށްފައިވެއެވެ. މި ގޮތަށް ބެންޗުން ކަނޑައެޅި ބާކީ ހުރި މައްސަލަތަކުގައިވެސް ދައްކަން ހުރީ އެއް ވާހަކައެއްކަމަށް  ދައުލަތުންނާއި ނާޒިމްގެ ގާނޫނީ ވަކީލުން ބުނުމުންނެވެ.މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު ދެން އޮންނާނީ ހުކުމްކުރުމެވެ. އެހެންމަވެސް ހުކުމްކުރާނެ ތާރީހެއް ބެންޗުން އިއުލާންކޮށްފައެއް ނުވެއެވެ.ނާޒިމްގެ މައްސަލަ ސުޕްރީމްކޯޓްގައި އިސްތިއުނާފްކުރަމުން ދަށުކޯޓްތަކުން ނިންމާފައިވާ ނިންމުންތައް ބާތިލްކޮށް އެ މައްސަލަތައް އަލުން ބަލައިދިނުމަށް ކުރިމިނަލްކޯޓްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދުނު ނަމަވެސް މިއަދު އެދިފައިވަނީ މި މައްސަލާފައި ފައިސަލާކުރަވަނިވި ހުކުމެއް އިއްވާ ދިނުމަށެވެ.