ސިޔާސީ

ކައުންސިލްތަކުގެ ހިންގާ ގަވާއިދަށް އެލްޖީއޭއިން ބަދަލުގެނެސްފި


ލޯކަލް ކައުންސިލް ތަކުން އެކުލަވާލާ، ހިންގާ ޤަވައިދުތަކުގައި ކައުންސިލް ގެ ރައީސާއި ނައިބު ރައީސްގެ ދައުރު ހިމަނައި، އެގޮތަށް ޢަމަލު ކޮއްގެން ނުވާނެކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ އެލް.ޖީ.އޭ އިން ބުނެފިއެވެ.އެ އޮތޯރިޓީން ބުނީ ބައެއް ކައުންސިލްތަކުން އެކައުންސިލްތަކުގެ ހިންގާ ގަވައިދުގައި ކައުންސިލްގެ ރައީސާއި ނައިބުގެ ދައުރަކީ އެއް އަހަރު ކަމަށް ކަނޑައަޅަމުން ދާތީ އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބިފައި ވާކަމަށެވެ. އެހެންކަމުން މިމަހުގެ އެއްވަނަދުވަހުން ފެށިގެން ޢަމަލުކުރަން ފެށި އެއޮތޯރިޓީގެ ސާކިއުލާގެ ދަށުން ކައުންސިލްތަކުގެ ހިންގާ ޤަވައިދު އިސްލާހުކޮށް ޢަމަލުކުރުމަށް އެ އޮތޯރިޓިން ވަނީ ކައުންސިލް ތަކަށް އަންގާފައެވެ.އެލްޖީއޭއިން އެފަދަ ސާކިއުލާއެއް ނެރެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެ އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން، ކައުންސިލްތަށް ހިންގުމުގެ ނިޒާމް އެއްގޮތަކަށް ބައްޓަން ކުރުމަށް ކަމަށް އެ އޮތޯރިޓިން މަޢުލޫމާތުދެއެވެ.އެ އޮތޯރިޓީން ނެރެފައިވާ ސާކިއުލާގައި ވާގޮތުން ކައުންސިލްތަކަށް ރައީސާއި ނައިބުރައީސުން އިންތިހާބު ކުރެވޭނީ، އިންތިހާބު ކުރާދުވަހުންފެށިގެން ކައުންސިލްގެ ދައުރުގެ ބާކީއޮތް މުއްދަތަށެވެ. އެއޮތޯރިޓިން މިގޮތަށް ފާސްކޮށްފައި ވަނީ އޮތޯރިޓީގެ މިއަހަރުގެ ތިންވަނަ ބޯޑު ބައްދަލުވުމުގައެވެ.