ޚަބަރު

ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަކަށް ފްލެޓުތަކުގެ މައްސަލަ ނިންމުމަށް ރައީސް ލަފާދެއްވައިފި


ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ކަންކަން ނިންމެވުމުގައި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމެވުމަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލަފާދެއްވައިފިއެވެ.

ރައީސް ޞާލިޙް މިކަމަށް ލަފާދެއްވީ "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށް އެމަނިކުފާނު އެކުލަވައިލެއްވި ކޮމިޓީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ މަސައްކަތްތައް ރާއްވަވާފައިވާ ގޮތާއި، މަސައްކަތް ކުރިއަށް ގެންދެވިއިރު ފާހަގަ ކުރެއްވުނު ކަންކަމާ ބެހޭ މައުލޫމާތު ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

އަދި އެ މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތުމުން، ވަރަށް އަވަސް މުސްތަގުބަލެއްގައި މީޑިޔާ މެދުވެރިކޮށް އާންމުންނަށް މި މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމުގައި ކޮމިޓީން ވިދާޅުވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީން ކުރައްވަނީ ވަރަށް ބުރަ މަސައްކަތްތަކެއްކަން ފާހަގަ ކުރައްވައި، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ބޭއިންސާފުން ފްލެޓް ދޫކުރުމުގެ ސަބަބުން ހައްގުވެރިން ބާކީވެފައިވާތީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފްލެޓް ދޫކުރި މީހުންނާ މެދު މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ވަނީ ނިންމައިފައެވެ.