ކުޅިވަރު

ގައުމީ ވޮލީބޯޅަ މުބާރާތް: ދަނޑިމަގު ބަލިކޮށް ސިފައިން ފައިނަލަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ސީދާ ތިން ސެޓުން ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބަލިކޮށް، ފައިނަލްގެ ސީދާ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ދަނޑިމަގުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ސެޓުތައް ސިފައިންގެ ކުލަބުން ގެންގޮސްފައިވަނީ 25-19، 25-15 އަދި 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ޗިރާގެވެ.

މި މެޗުން މޮޅުވެ ފައިނަލްގެ ޖާގައެއް ސިފައިންގެ ކުލަބުން ހޯދިއިރު، މެޗުން ބަލިވި ދަނޑިމަގު ދެން ޖެހޭނީ ސެމީ ފައިނަލް ތިންވަނަ މެޗުގައި ވާދަކުރާށެވެ. މިއަދު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް، ތިންވަނަ ސެމީގެ ޖާގައެއް ކުލަބު އެޗްޑީސީން ވަނީ ހޯދާފައެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަމުންދަނީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ އެންމެ ފަހުގެ ގައުމީ ލީގުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި، ލީގުގެ ދެވަނަ ޓީމު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ކުލަބު އެޗްޑީސީއެވެ.