ޚަބަރު

ރައީސް ޞާލިޙް، މުލަކަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މުލަކަތޮޅުގެ ކައުންސިލާއި ބައްދަލުކޮށް އެ އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައިފިއެވެ.

އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އަތޮޅު ކައުންސިލުން ވަނީ މުލަކަތޮޅުގެ ރައްޔިތުންނަކީ މައިގަނޑު މަސައްކަތަކަށް ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުންދާ ރައްޔިތެއްކަން ކައުންސިލުން ފާހަގަ ކުރައްވާފައެވެ. އަދި އަތޮޅު ތެރޭގައި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، ޒުވާނުން އެދާއިރާއަށް އިތުރަށް ޝައުގުވެރިކުރުމަށްޓަކައި ކައުންސިލުން ހުށަހަޅާ ކަންކަމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކޮށްލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމަކީވެސް ސަރުކާރުން ވަރަށް ގާތުން ބައްލަވައި، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅުތައް ކަމަށް ވިދާޅުވިއެވެ. އަދި މުލަކަތޮޅު ކައުންސިލުން ފާހަގަ ކުރެއްވި މައްސަލަތައް ހައްލުކުރެއްވުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް ވިދާޅުވެ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މުލަކަތޮޅު ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި، އަތޮޅުގެ ވަކިވަކި ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން، ބިމުގެ ދަތިކަމާއި، ރަށް ގިރުމުގެ މައްސަލައާއި، ކުށްކުރުން އިތުރުވުމާއި، ވަޒީފާގެ ފުރުސަތު އިތުރުކުރުމާއި، އުމްރާނީ ވަސީލަތްތަކުގެ ދަތިކަން ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ ކުރިއެރުމަށާއި ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލުން ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކާއި، އިޖުތިމާއީ ހަރަކާތްތަކާއި، ކުރިއަށް ރާވާފައިވާ އެކިއެކި މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.