ޚަބަރު

ހުޅުމާލޭ ވޯޓަރ ތީމް ޕާކް - ދިވެހިންނަށް ތަފާތު ތަޖުރިބާއަކަށް ވާނެ މަޝްރޫޢުއެއް


ހުޅުމާލޭގައި ތަރައްޤީކުރަން ފަށާފައިވާ ވޯޓަރ ތީމް ޕާކަކީ އެއްގަމުގައި ފެނުގެ ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް ރާއްޖޭގައި ތަރައްޤީކުރާ މިފަދަ ފުރަތަމަ ޕާކެވެ. މި ޕާކު ތަރައްޤީކުރަނީ ރޭގަނޑުވެސް ޕާކުގައި މަޑުކުރެވޭގޮތަށް 50 ކޮޓަރީގެ ހޮޓަލެއްވެސް ހިމެނޭހެނެވެ.

މެލޭޝިއާގެ ކުންފުންޏަކާ ޙަވާލުކޮށްގެން ތަރައްޤީކުރާ ހުޅުމާލޭ ވޯޓަރ ތީމް ޕާކަކީ ރާއްޖޭގައި ހަދާ މިފަދަ ފުރަތަމަ ވޯޓަރ ތީމް ޕާކެވެ. ހުޅުމާލެއިން ބްރިޖަށް އަރަންދާ ބޮޑުމަގުގައި ހަދާ މިޕާކަކީ، ރާއްޖެއިން ބޭރުން ފެންނަގޮތަށް، އެއްގަމުގައި ފެނުގެ އެކި ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާ ޕާކެކެވެ. ހުޅުމާލޭ ވޯޓަރ ތީމް ޕަރކް ތަރައްޤީކުރަނީ ކުޑަކުދިންގެ އިތުރުން ބޮޑެތިމީހުންނަށްވެސް ކުޅެވޭ އެކިކަހަލަ ފެނުގެ ކުޅިވަރުތަކާ އެކުއެވެ. އެޗްޑީސީން ބުނެފައިވަނީ މިޕާކަކީ ހުޅުމާލޭގެ މަލަމަތި ބަދަލުކޮށްލައި، ޒުވާނުންނާއި ޢާއިލާތަަކަށް ވަގުތުހޭދަކުރުމަށް އެންމެ އެކަށީގެންވާގޮތަށް ފަރުމާކޮށް ތަރައްޤިކުރާ ޕާކެއްކަމަށެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ ޕާކަކީ ފަސޭހައިން ތިބެވޭ ތަނަކަށް ހެދުމަށް ހޮޓަލެއްވެސް ޕާކުގައި ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. 50 ކޮޓަރީގެ މި ހޮޓަލަކީ އެކަށީގެންވާ އަގެއްގައި ޢާންމުންނަށް ތިބެވޭނެ ތަނަކަށް ހަދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އިމާރާތުގެ އޮނިގަނޑު މިހާރު އެހުރީ ނިމިފައި. ހޮޓަލުގެ ރޫމްތަކާއި، ޗޭންޖިންގ ރޫމާއި، ފާޚާނާތައް ހެދުމުގެ މަސައްކަތް އެބަކުރިއަށްދޭ. 2020ގެ މަރޗްގައި ޕާކުގެ މަސައްކަތް މުޅިން ނިމޭނެ." އެޗްޑީސީގެ މެނޭޖިންގ ޑިރެޖްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ޕާކުގައި ހަދާ 5 ފަންގިފިލާގެ އިމާރަތާއި، ޕާކުގައި ހަދާ އެހެނިހެން ސްޓަރކްޗާތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ.
ހުޅުމާލެ ވޯޓަރ ތީމް ޕާކުގައި ފާޚާނަޔާއި، ޗޭންޖިންގ ރޫމާއި، ރޭގަނޑު މަޑުކުރުމުގެ އިންތިޒާމްގެ އިތުރުން، ސްޕައިރަލް ސްލައިޑް، ވޯޓަރ ހައުސް، ވޯޓަރ ރޯލަރސް، ފެމިލީ ސްލައިޑްސް އަދި ފައުންޓެއިންފަދަ ތަންތަން ހިމެނެއެވެ. މީގެއިތުރުންވެސް ފެނުގެ ކުޅިވަރުތަކާ ގުޅޭ ކުދި ވިޔަފާރިތަކާއި، ރެސްޓޯރަންޓްތައްވެސް ވޯޓަރ ތީމްޕާކުގައި ހިމެނެއެވެ.

ސުހައިލް ވިދާޅުވީ ޕާކު ހަދާ ސަރޙައްދު ކަނޑައަޅާފައިވަނީވެސް އެކަމަށް ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށެވެ. އެގޮތުން އެ ސަރަޙައްދަކީ މާލެއާއި- ހުޅުމާލެ ގުޅާލާ ސަރަޙައްދަށްވާއިރު، ޕާކަށް އަންނަ ފަރާތްތަކަށް އެކަމުގެ ފަސޭހަ ވަރަށް ބޮޑަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.