ޚަބަރު

ރާއްޖެއާއި އިޓަލީއާ ދެމެދުގައި އޮންނަ އިގްތިޞާދީ ގުޅުން ވަރަށް ބޮޑަށް ބަދަހިވެއްޖެ - ޝާހިދު


ދިވެހިރާއްޖެއާއި އިޓަލީއާ ދެމެދު އޮތް ޒަމާންވީ އިގްތިޞާދީ ގުޅުން ފާއިތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފ. މަގޫދޫގައި ޤާއިމްކޮށްފައިވާ އިޓަލީގެ މަޝްހޫރު މިލާނޯ - ބިކޯކާ ޔުނިވާސިޓީގެ ފަރާތުން މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ މިލާނޯ - ބިކޯކާ ޔުނިވާސިޓީގެ ފަރާތުން މަގޫދޫގައި ގާއިމް ކޮށްފައިވާ ކެމްޕަސްގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އެތައް ގޮތަކުން އެތަކެއް ފައިދާތަކެއް ލިބެމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެއަކީ ފަތުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ޤައުމަކަށްވީ ހިނދު އިޓަލީން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާކަމީ އުފާކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ފަތުރުވެރި ކަމުގެ ސިނާއާތުގައި އިޓަލީގެ ގިނަ ރައްޔިތުންތަކެއް މަސައްކަތް ކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"ޔޫރަޕް ގައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ފަތުވެރިން އަންނަނީ އިޓަލީން. އަދި އިޓަލީގެ 100 އަށް ވުރެ ގިނަ މީހުން ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ ހަރަކާތްތެރިވޭ. މީގެ އިތުރުން ރާއްޖެއާ އިޓަލީއާ ދެމެދު އޮންނަ އިގްތިސާދީ ގުޅުން ވަނީ ފައިތުވި ފަސް އަހަރު ތެރޭގައި ވަރުގަދަވެފައި." ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިޓަލީން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވަފައިވާ ސަފީރު ޖޫލިއާނާ މަންނޭލާ ވިދާޅުވީ، ރާއްޖެއާ އިޓަލީއާ ދެމެދު އަބަދުވެސް އޮންނަނީ ވަރަށް ގާތް އެކުވެރި ގުޅުމެއް ކަމަށާއި އެގުޅުމުގެ ތެރެއިން މީގެ 10 އަހަރު ކުރިން ރާއްޖޭގައި ގާއިމްކުރެވުނު ބިކޯކާ އައުޓްޕޯސްޓްގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ.

ޖޫލިއާނާ ވިދާޅުވީ މިލާނޯ ޔުނިވާސިޓީގެ ފަރާތުން މަގޫދޫ ކެމްޕަހުގައި ހަދާ ރިސާޗްތަކަކީ، ވަރަށް ޝައުގުވެރިކަމާ އެކު ކުރިޔަށް ގެންދާ ރިސާޗް ތަކެއް ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ބިކޯކާގެ ހިދުމަތްތައް އިތުރަށް ފުޅާވެ އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފައިދާތަކާއި މަންފާތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޖޫލިއާނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ބިކޯކާއާ ދިވެހި ފުލުހުންނާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ސޯޝަލް ސައިންސްގެ ދާއިރާއިން ބިކޯކާގެ ރިސާޗް ފެސިލިޓީސް ފުލުހުންނަށް ބޭނުން ކުރެވޭނެ ކަމަށާއި މޫސުމާ ބެހޭ ގޮތުން އެ ޔުނިވާސިޓީން ކުރާ ދިރާސާތަކުގައި ފުލުހުންނާ ގުޅުން ހުރި ކަންތައްތަކުގައި އިތުރު އެހީތަކެއް ހޯދިގެންދާނެ ކަމަށެވެ.

''ފުލުހުންގެ މަސައްކަތުގައިވެސް ހުރޭ ވަރަށް ބައިވަރު ރިސާޗް. ހާއްސަކޮށް މިޒަމާނުގެ އެވިޑެންސް ބޭސްޑް ޕޮލިސީ ކަހަލަ. އަޅުގަނޑު އުއްމީދު ކުރަނީ މި އާކުރެވުނު އެއްބަސްވުމުގެ ދަށުން އިތުރު ފުރުސަތުތަކެއް އަޅުގަނޑުމެންނަށް ލިބިގެން ދިޔުން.'' އެކްޓިން ކޮމިޝަނަރ ވިދާޅުވިއެވެ.

އިޓަލީގެ މަޝްހޫރު މިލާނޯ – ބިކޯކާ ޔުނިވާސިޓީގެ އައުޓް ޕޯސްޓް ކެމްޕަހެއް ފ. މަގޫދޫގައި ޤާއިމްކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ.