ވިޔަފާރި

ވަރލްޑް ޓުއަރިޒަމް އެސޯސިއޭޝަން ފޮރ ކަލްޗަރ އެންޑް ހެރިޓޭޖް އިފްތިތާހުކޮށްފި


ފަތުރުވެރިކަން ފުޅާވުމާއިއެކު މަންޒިލްތަކާއި، ޤައުމުތަކުގެ ސަޤާފަތާއި، ތަރިކަ އަދި އާސާރީ ތަންތަނަށް ގެއްލުން ލިބުން ކުޑަކުރުމަށް މަސައްކަތްކުރުމަށް ބައިނަލްއަޤްވަމީ ހާއްސަ އެސޯސިއޭޝަނެއް ޤާއިމްކޮށްފިއެވެ.

މި އެސޯސިއޭޝަން ޤާއިމްކޮށްފައިވަނީ، ސަޤާފަތާއި، ތަރިކަ އަދި އާސާރީ ތަންތަން ހުންނަ ފަތުވެރިކަމުގެ މަންޒިލްތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށެވެ. މިގޮތުން މި އެސޯސިއޭޝަނުން ފަތުރުވެރިކަމުގެ މަންޒިލްތައް ހިންގުމުގައި ގެންގުޅެންވާ މިންގަނޑުތަކާއި، އެންމެ އެކަށީގެންވާ ސިޔާސަތައް އެކުލަވާލާ، އެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ފަތުރުވެރިކަމުގެ މަންޒިލްތަކަށް ބާރުއަޅާނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރު ދުވެއްޔެއްގައި ފުޅާ ވަމުންދާ ފަތުރުވެރިކަމުގެ ދާއިރާ އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ޤައިމްކޮށް، ޕްރޮމޯޓުކުރުމަށް ބާރުއަޅާނެ އެސޯސިއޭޝަނެކެވެ.

މިއެސޯސިއޭޝަން ޤާއިމްވެފައި މިވަނީ، އދގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާ ޑަބްލިއުޓީއޯއިން 2018 ވަނަ އަހަރު ލަފާކުރި މިންވަރަށްވުރެ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރި ފަތުރުވެރިން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ އަހަރު ނިމުނުއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކޮށްފައިވާ މީހުންގެ އަދަދު 1.4 ބިލިއަނަށް ވަނީ އަރާފައެވެ.
ވިޓެޗްގެ ފައުންޑަރ އަދި ސީއީއޯއަކީ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަންގެ ކުރީގެ ޕެސިފިކް ސަރަހައްދުގެ ޑިރެކްޓަރ ކްރިސް ފްލިން އެވެ.

ފްލިން ވިދާޅުވީ އާންމުކޮށް މަންޒިލްތަކުގެ ސަޤާފަތާއި، ތަރިކަ އަދި އާސާރީ ތަންތަނަށް އެންމެ ނޭދެވެ އަސަރުކުރަނީ އިޤްތިސާދީ ގޮތުން ކުރި ނާރާ ޤައުމު ތަކުގައިކަމަށެވެ. ނަމަވެސް އިޤްތިސާދީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މި މައްސަލަ ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިޓެޗްގެ އެޖެންޑާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެ މަންޒިލެއްގެވެސް ސަޤާފަތާއި، ތަރިކަ އަދި އާސާރީ ތަންތަން ރައްކާތެރިކުރުމެވެ. މިއެޖެންޑާ ކުރިއެރުވުމަށްޓަކައި ވަނީ 15 ސްޕެޝަލިސްޓް އެޑްވައިޒަރުން ކަނޑައަޅާފައެވެ.

މި ފަރާތްތަކުން ސަޤާފަތާއި، ތަރިކަ ހިމާޔަތްކޮށް، އާސާރީ ތަންތަނަށް ރައްކާތެރިކަން ބޭނުންވާ މަންޒިލްތަކަށް ބޭނުންވާ އިރުޝާދާ ލަފާ ދިނުމުގެ މަސައްކަތްކުރާނެއެވެ. މީގެ އިތުރުން އެކި މަންޒިލްތަކުގެ ކަމާބެހޭ ފަރާތްތަކާއެކު ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ، ތަންފީޒުކުރުމުގައިވެސް މިފަރާތްތަކުން އެހީތެރިވެދޭނެއެވެ.