ސިޔާސީ

އިދިކޮޅު މެންބަރުންގެ އިހްތިޖާޖާއިއެކުވެސް މަޖިލިސް ބާއްވައިފި


އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އިހްތިޖާޖު ކުރުމާއި، އަޑުގަދަކުރުންތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ގެންގޮސްފިއެވެ.އެހެންނަމަވެސް ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ މީޑިއާތަކަށް މަޖިލީހުގެއިދާރާއިން ދޫކޮށްފައި ހުންނަ ލައިވް ވީޑިއޯ ލިންކު ކަނޑާލުމަށްފަހުގައިކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.އިއްޔެގެ ޖަލްސާ ފަދައިން މިއަދުވެސް ޖަލްސާ ފެށުމާއެކު އިދިކޮޅު މެމްބަރުންވަނީ، މަޖިލީހުގެ އިދާރީ މޭޒާއި، ރިޔާސަތުގެ މޭޒުގެ ކުރިމައްޗަށް ވަޑައިގެން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކުރުމަށް އަޑުއުފުއްލަވާފައެވެ.ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަޙްމަދު މުހައްމަދު އެމްބީސީއަށް ވިދާޅުވީ،  ޖަލްސާ އިން ބޭރު ކަންކަން ހިނގަމުން ދާނަމަ، މަޖިލީހުގެ ލައިވްފީޑް ދޫނުކުރާގޮތަށް ނިންމާފައިވާކަމަށެވެ.މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި އެންމެ ބިލެއްގެ މަސައްކަތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކުގެ ބިލުގެ މަސައްކަތެވެ.މެމްބަރުންގެ އަޑުގަދަ ކުރުންތަކާއިއެކުވެސް ވަނީ އެބިލްގެ ބަހުސް ކުރިއަށްގެންގޮސްފައެވެ.