ފީއަލީގައި ޑެންގީ ހުންފެތުރެމުންދާތީ އެރަށުގެ ސްކޫލް ބަންދުކޮށް އެރަށުގެ ޞިއްޙީ ފަރުވާގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށްފިއެވެ.
ފީއަލީގެ ޑެންގީގެ ހާލަތާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ފީއަލީގައި ޑެންގީ ޖެހޭ އަދަދު އިތުރުވަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް އިއްޔެއިން ފެށިގެން އެރަށުގައި ޙަރަކާތްތެރިވަމުންދާކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ފީއަލީގައި ޑެންގީހުން ފެތުރެމުންދާތީ އެރަށުގެ ސްކޫލް ހަފްތާއަކަށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ސްކޫލް ބަންދު ހަފްތާގައި ސްކޫލުގައި ޚާއްޞަ ކްލީނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އެޗްޕީއޭ އިން ވިދާޅުވީ މިދިޔަ މަހުން ފެށިގެން މިހާތަނަށް ފީއަލިން 10 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މީގެ ތެރެއިން 8 މީހުންނަކީ މިމަހުގެ ފަހަކުން ފެށިގެން އިއްޔެއާ ދެމެދު ރިޕޯޓް ކޮށްފައިވާ މީހުން ކަމަށާ މީގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށެވެ.
ޑެންގީ ހުން ޖެހިގެން ފ. ފީއަލީ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ރޭ މާލެ ގެނައި 6 ކުދިންގެ ތެރެއިން 1 ކުއްޖަކު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އައިޖީއެމްއެޗުން ވިދާޅުވީ، އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނީ އުމުރުން 6 އަހަރުގެ ފިރިހެން ކުއްޖެއްކަމަށެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ ޑެންގޫ ހުންޖެހިގެން އިތުރު ފަރުވާ ދިނުމަށް ފީއަލިން ގެނައި ކުދިންގެ ތެރެއިން 2 ކުއްޖަކު މިހާރު ގެއަށް ދޫކޮށްލާފައިވާކަމަށާއި 3 ކުދިންނަށް މިހާރުވެސް ފަރުވާ ދެމުންދާކަމަށެވެ. ފީއަލިން ޑެންގޫ ޖެހިގެން މާލެގެނެސްފައިވަނީ އުމުރުން 6 އަހަރާއި 7 އަހަރުގެ ކުދިންތަކެއް. މީގެ ތެރޭގައި ހިމެނެނީ 2 އަންހެންކުދިންނާއި 4 ފިރިހެންކުދިންނެވެ.
ފީއަލީގައި ޑެންގީ ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ހޯދައި އެތަންތަން ސާފުކޮށް ރަށުތެރެ ފޮޤް ކުރުމުގެ މަސައްކަތް އެޗްޕީއޭގެ ލަފާގެ މަތިން، ފީއަލީ ހެލްތް ސެންޓަރާއި ރަށު ކައުންސިލް ގުޅިގެން މިހާރު ވަނީ ފަށާފައެވެ. އަދި ގޭގެއަށް ގޮސް ބަލިން ރައްކާތެރިވުމާބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުންވެސް ކުރިއަށްދާކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.
މި މަސައްކަތުގައި ފީއަލީ ރައްޔިތުންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ އަވަހަށް ބަލިކޮންޓްރޯލް ކުރުމަށް އެޅޭ ބާރަކަށް ވާނެކަމަށާއި، ޑެންގީ އާއި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރި ވެވޭނީ ހުރިހާ ފަރާތްތަކުންވެސް މަދިރި އާލާވާ ތަންތަންހުރިތޯ ޤަވާއިދުން ބަލާ އެތަންތަން ސާފުކޮށް މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ސަމާލުކަން ދީގެންކަމުން އެކަމަށް އެންމެންވެސް އެއްބާރުލުންދިނުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ.