ޚަބަރު

ތައިލެންޑްގެ ސިޔާސީ މަސްރަޙު ހަލަބޮލިވެފައި


ތައިލޭންޑުގެ ޝާހީ އާއިލާގެ މެންބަރެއް ކަމަށްވާ އުބޮންރަތްނާ މަހިދޮން ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވަން ނިންމެވި ނިންމެވުމަށް ހުރަސްއެޅުމަށް އެގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން ނިންމަވައިފިއެވެ.

ވަޖިރަލޮންކޯން ސޮއިކުރައްވައި ތައިލެންޑްގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝާހީ އާއިލާގެ މެންބަރަކު ސިޔާސީ ދާއިރާއަށް ވަދެވަޑައިގެން ސިޔާސީ އެންމެ އިސް މަގާމަށް ވާދަކުރެއްވުމަކީ ގައުމުގައި ޒަމާނުއްސުރެ އޮންނަ ޘަގާފަތާއި އާދަކާދައާ ފުށުއަރާ ކަމެއް ކަމަށެވެ. އުމުރުފުޅުން 67 އަހަރުގެ އަމީރާ އުބޮންރަތްނާ މަހިދޮންއަކީ މިދިޔަ އަހަރު އަވަހާރަވި ތައިލޭންޑުގެ ރަސްގެފާނު ބުމިބޯލް އަދުލްޔަދޭޖްގެ ދޮށީ ދަރިކަނބަލުންނެވެ.

އެކަމަނާއަކީ ތައިލެންޑްގެ މިހާރުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯންގެ އެއްބަނޑު އެއްބަފާ ދައްތަވެސް މެއެވެ.
1972 ވަނަ އަހަރު މަހިދޮން އެމެރިކާގެ ރައްޔިތަކާ ކައިވެނިކުރެއްވުމާ ގުޅިގެން ޝާހީ ހައިސިއްޔަތު ދޫކޮށްލަން ޖެހިވަޑައިގަތުމުން، އެ އަހަރު އެކަމަނާ އަމިއްލަ އިޚްތިޔާރުގައި ވަނީ ޝާހީ ހައިސިއްޔަތު ދޫކޮށްލައްވައި ޝާހީ އާއިލާއަށް ލިބޭ ހުރިހާ އިނާޔަތްތަކާއި އިމްތިޔާޒުތަކުން އެއްކިބާވެވަޑައިގެންފައެވެ.

އެހެންނަމަވެސް އެކަމަނާއަކީ އަވަހާރަވި ރަސްގެފާނުގެ ދަރިކަނބަލަކަށްވެފައި މިހާރުގެ ރަސްގެފާނުގެ އެއްބަނޑު އެއްބަފާ ދައްތަ ކަމުން އެކަމަނާއަކީ ލޭގެ ގޮތުންނާއި އާއިލީގޮތުން ތައިލެންޑްގެ ޝާހީ އާއިލާގެ މެންބަރެކެވެ.

ތައިލެންޑްގެ ދަސްތޫރުގައި އެގައުމުގެ ޝާހީ އާއިލާގެ މެންބަރުން ސިޔާސީ ދާއިރާއަށް ވަނުމާއި ސިޔާސީ ކަންކަމާމެދު ބަސްބުނުމާއި ޚިޔާލު ފާޅުކުރުމަކީ މަނާކަމެކެވެ. މިއީ ތައިލެންޑްގެ ޝާހީ އާއިލާގެ މެންބަރަކު ބޮޑުވަޒީރު ކަމަށް ކުރިމަތިލެއްވި ފުރަތަމަ ފަހަރެވެ.