ޚަބަރު

މަތީ ފަންތީގެ ވަޒީފާތައް އަދާކުރަނީ ދިވެހިން ކަމުގައި ހަދާނަން - ނާއިބުރައީސް


ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމޭއިިރު ރާއްޖޭގައި މަތީ ފަންތީގެ ވަޒީފާތައް އަދާކުރާނީ ދިވެހިން ކަމުގައި ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވަދޫ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ހޯޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އާމްދަނީ ލިބޭ މަތީ ފަންތީގެ ވަޒީފާތައް އަދިވެސް ބިދޭސީން އަދާކުރާކަމަށެވެ. ނަމަވެސް ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމޭއިރު މިފަދަ ވަޒީފާތަކަކީ ދިވެހިން އަދާކުރާ ވަޒީފާތަކަކަށް ހައްދަވާނެކަމަށެވެ. އެގޮތުން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ މަގު ފަހިކޮށްދިނުމާއި، އެކި ދާއިރާތަކުން ޢަމަލީ ތަމްރީނު އުނގަންނައިދޭ ގިނަ ކޯސްތަކެއް ފެށުމަކީ މިކަމަށް ހުޅުވިގެންދާ ދޮރެއްކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހޯޑެއްދޫއަށް ކުރެއްވި މި ދަތުރުފުޅުގައި އެރަށު ކައުންސިލާ ބައްދަލުކުރައްވައި ދިމާވާ ދަތިތައް އޮޅުންފިލުއްވާފައިވެއެވެ. އެގޮތުން އެރަށުގެ ކަރަންޓު މައްސަލައާއި، ބަނދަރުން ބައެއް ވެއްޓި ދިމާވެފައިވާ ދަތިތަކާއި، ނުނިމި ހުރި ހައުސިންގ މަޝްރޫޢުތައް އަވަސްކޮށްދިނުމާއި، ސްކޫލްގައި ހުރި ބައެއް މައްސަލަތައް ކައުންސިލުން ނާއިބުރައީސާ ޙިއްޞާކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މީގެތެރެއިން ބައެއް މަސައްލަތައް ހައްލުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

"ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ބަޖެޓުގައި ހިމަނާފައިވާކަމެއް. އަދި ހައުސް ޔުނިޓްތަކުގެ މައްސަލަވެސް މިހާރު، ކަމާ ގުޅުންހުރި އިދާރާތަކުން ބަލަމުންގެންދަނީ." ނާއިބުރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރާ ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތަކަކީ ނަމެއްގައި ކުރާ މަސައްކަތްތަކަކަށް ނުހައްދަވާނެކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް މަޝްރޫޢުތައް ކުރިއަށްގެންދާނީ ރައްޔިތުންގެ އިހުސާސްތަކަށް ރިޢާޔަތްކޮށް، އެންމެ އެކަށީގެންވާ ފަރާތަތްކާ ހަވާލުކޮށްގެން، ރަނގަޅު ފެންވަރަކަށްކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

އަދި އެއްވެސް ކަމެއް ގޯސްކޮށް ދާނަމަ، އެކަންކަން ސަރުކާރާ ޙިއްޞާކޮށް، ކަމާބެހޭ އިދާރާތައް އެ ކަންކަމަށް ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން މަސައްކަތް ކުރުމަށް ނާއިބުރައީސް އެދިވަޑައިގެންނެވިއެވެ.