ޚަބަރު

ގައްދޫގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި


ގައްދޫގައި ޤާއިމްކުރި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕާއި އެރަށުގައި އަލަށް ބިނާކުރި މިސްކިތް "މަސްޖިދުލް އަމީން" ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.

ނާއިބް ރައީސް ހުވަދު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގައްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވަނީ ސަރުކާރުން ދީނީ ތަޢުލީމަށާއި ދީނީ ކަންކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ނާއިބް ރައީސް ވިދާޅުވީ، ސަރުކާރުން ދީނީ ތަޢުލީމަށާއި ދީނީ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާ، އެކަން ރައީސް ސާލިޙްގެ ފުރަތަމަ ރިޔާސީ ބަޔާނުންވެސް ހާމަވާކަމަށެވެ. އަދި އެކި ރަށްރަށުގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމް ކުރުމުގެ މަޤްޞަދަކީ ޤްރުއާނާއި ޤުރުއާނުގެ ޢިލްމު އުނގެނިގެން ތިބި މީހުން އިތުރުކުރުން ކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ. ނާއިބް ރައީސް ވަނީ، ގައްދޫގައި ހުޅުވުނު ޤުރުއާނާބެހޭ މަރުކަޒުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބެލެނިވެރިންނަށާއި ދަރިވަރުންނަށް ގޮވާލައްވާފައެވެ.

"ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވާނެ ކަނޑައަޅާފައި. މިކަމަށް ސަރުކާރުން ވަރަށް އިސްކަންދޭ. މީގެ އިތުރުން މިރަށުގެ ސިއްޙީ ނިޒާމާއި މަގުތަކުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ" ނާއިބް ރައިސް ވިދާޅުވިއެވެ.

ގައްދޫގައި ޤާއިމްކުރި ޤުރުއާނާބެހޭ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، މި މަރުކަޒު ހިންގުމާގުޅޭ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީއާއި އެރަށުގެ ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ވަނީ، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މާލޭހައި ހިންގާ ބައެއް ކޯސްތައް، ގައްދޫގައި ހުޅުވުނު ޤުރުއާނާބެހޭ މަރުޒަކުގެ ގޮފީގައިވެސް ހިންގާނެކަން ހަމަކުރައްވާފައެވެ.

"މިއީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ބަދަލުވިފަހުން ހުޅުވޭ ފުރަތަމަ މަރުކަޒު. ޤައުމީ މަރުކަޒުގެ ސިލަބަސް އޮންނާނީ މި މަރުކަޒުގަވެސް. ޤައުމީ މަރުކަޒުގެ ލަފަޔާއި އިރުޝާދު ފުރިހަމައަށް ދޭނަން" މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

ގައްދޫގައި ހުޅުވި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފީގައި ރަސްމީކޮށް ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެތަނުން ކިޔަވައިދޭ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށްވެސް ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.

ނާއިބްރައީސްގެ މި ދަތުރުފުޅުގައި ގައްދޫގައި އަލަށް ހުޅުއްވައިދެއްވި މިސްކިތް "މަސްޖިދުލް އަމީން" އަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ބިނާކުރައްވާފައިވާ މިސްކިތެކެވެ. މިއީ 900 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ނާއިބްރައީސް ގައްދުއަށް ކުރެއްވި މި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި ބައްދަލުކުރައްވައި ރަށުގެ ހާލަތުވެސް ވަނީ ބައްލަވާލައްވާފައެވެ.

ނާއިބްރައީސް ހުވަދު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އުތުރުބުރިއާއި ދެކުނުބުރީގެ 8 ރަށަކަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ނާއިބް ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރާއި ޖެންޑަރ މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.