ޚަބަރު

ސިފައިން ކުރައްވާ ހުވާގެމަތީގައި ސާބިތުވެ ތިއްބެވުމަށް ޑިފެންސް މިނިސްޓަރ ގޮވާލައްވައިފި


ސިފައިން އަމަލީ މައިދާނަށް ނުކުންނަ އިރު، ސިފައިންގެ މީހަކަށްވުމަށް ކުރި ހުވާގެ މަތިން އަބަދުމެ ހަނދާން ބެހެއްޓުމަށް ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.

އެކަމަނާ މިހެން ގޮވާލެއްވީ ޤައުމީ ދިފާއީ ބާރުގެ ޚިދުމަތާ އަލަށް ގުޅުނު ފަރާތްތައް ތަމްރީން ކުރުމަށް ކުރިއަށް ގެންދިޔަ ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ސިފައިންގެ ތަމްރީން ފުރިހަމަކުރި ހުރިހާ ސިފައިންނަށް މިއީ ވަރަށް އުފާވެރި މުހިންމު ދުވަހެއް ކަމަށާއި މިހާރު އިސް މަގާމުތަކުގައި ތިއްބެވީ ވެސް ހަމަ މިއަދެކޭ އެއްގޮތަށް ތަމްރީން ވެގެން ނުކުމެ ތިއްބެވި ބޭފުޅުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަތުމަށް ކުރައްވާ ހުވާ ވާންޖެހޭނީ ހަމައެކަނި ޔުނީފޯމްގައި ހުންނައިރު އަމަލުކުރަންޖެހޭ ހުވައަކަށް ނޫން ކަމަށާއި ސިފައިންގެ ޙިދުމަތަށް ތަމްރީންވެ ހުވާކޮށްގެން ނުކުންނަ ހުރިހާ ކުދިންވެސް ކުރައްވާ ހުވާގެ މަތީގައި އަބަދުވެސް ދެމި ތިބެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުން ކުރެއްވި ހުވާ ވާން ޖެހޭނީ ޔުނީފޯމް ލައިގެން ހުންނަވާއިރު ކުރައްވާ ހުވަޔަކަށް ނޫން. އެއީ ހަމަ ތިޔަ ބޭފުޅުން އަބަދަށްމެ ކުރައްވާ ހުވައެއް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ ޚިދުމަތުގައި ކުރިއަށްދާން ވާނީ ވަރަށް ވަރުގަދަ އަޒުމެއް އޮވެގެން ކަމަށާއި އެގޮތުން މިއަދު ސިފައިންގެ ވެރިންގެ ގޮތުގައި މަތީ މަގާމުތަކުގައި ސިފައިންގެ ޚިދުމަތުގައި ތިއްބެވި ބޭކަލުންނާއި އެއް ދަރަޖައެއްގައި ޚިދުމަތްކުރުމުގެ ހިތްވަރާއި ނުގުޑާފަދަ އަޒުމް ގެންގުޅެންވާނެ ކަމަށެވެ

"މިއަދު ތިޔަ ބޭފުޅުންގެ އަމާޒަކަށްވާންވީ، ތިޔަ ބޭފުޅުންގެ ކުރިފުޅުމަތިން ފެންނަން ތިއްބެވި ބޭފުޅުން އެ ތިއްބެވި މަގާމުތަކަށް އައުމުގެ އަމާޒު." މާރިޔާ ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތުގެ ޒިންމާ ބޮޑުކަމާއި މަސައްކަތުގެ ބުރަކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ސިފައިންގެ އަސާސީ ތަމުރީން ކޯހުގައި ދަސްވި އަދި ދަސްކޮށްދިން އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭނެ ކަމަށެވެ. އަދި އަސާސީ ތަމުރީން ކޯހުގެ މަގުސަދަކީ "އަސްކަރީ އަޚުލާގަށާއި، ހުނަރަށް ކުދިން އަހުލުވެރިކުރުވާއި، ދިވެހި އަސްކަރިއްޔާގެ މަސައްކަތްތަކަށް ގާބިލް ސިފައިން އުފެއްދުންކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ސިފައިންގެ މަސައްކަތަކީ ފަސޭހަ ކަމެއް ނޫން. އެހެން ކަމުން މިހާރު މި ޚިދުމަތުގައި މިހާ ބުރަ މަސައްކަތަށް ނުކުމެ ސާބިތުކަމާއެކު ތިއްބެވިފަރާތްތަކާމެދު އަޅުގަނޑު ފަޚުރުވެރިވަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް އަރާމު ނިދީގައި ތިބެވެނީ ދިވެހި ސިފައިން، ޚިދުމަތުގައި ތިބުމުންކަމަށެވެ. އަދި އަލަށް ސިފައިންގެ ޚިދުމަތާއި ގުޅުނު ސިފައިންވެސް ގައުމުގެ އަމާންކަމާއި، އޮމާންކަން އަދި ސުލްހަވެރި ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

ދިވެހި ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށްފައި ވަނީ 125 ދަރިވަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 111 ފިރިހެން ސިފައިންނާއި 14 އަންހެން ސިފައިންނެވެ.