ޚަބަރު

ރައީސްގެ އަމާޒު: ދައުރު ނިމޭއިރު ޢާމްދަނީ 30 ބިލިއަނަށް ރުފިޔާއަށް ހެދުން


ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރުކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް ޞާލިޙު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ މިންގަނޑުތަކަށް ބަލާއިރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިހާރު ހުރި 7.6 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެވްރެޖް އިންފްލޭޝަން ރޭޓް 1.3 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިޞާދަށް މިހާރު ލިބެމުން އަންނަ ކުރިއެރުމާއެކު، މި އަހަރުގެ ތެރޭގައި، ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ. އެއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު، 7.8 އިންސައްތަ އިތުރު މިންވަރެއް. މީގެ ބޮޑު އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ. އަޅުގަނޑުގެ އިޤްތިޞާދީ އަމާޒަކީ، އަޅުގަނޑުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރުކުރުން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙު ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު، ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 21.7 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް 25.5 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވުމުގެ ސަބަބުން މިދިޔަ އަހަރު ނިމުނުއިރު، ބަޖެޓު އޮތީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރަކީ 43.8 ބިލިއަން ރުފިޔާ ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 53.1 އިންސައްތަ ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ، 757.8 މިލިއަން އެމެރިކާ ޑޮލަރު. މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒަރވް ގާތްގަނޑަކަށް 803.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒަރވްގެ ގޮތުގައި ހުރީ 281 މިލިއަން އެމެރިކާ ޑޮލަރު. އެއީ ގާތްގަނޑަކަށް ތިން މަސްދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒަރވެއް،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ، އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި، މިވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒަރވް، އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް ކަމަށެވެ.