ޚަބަރު

ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުވެގެން ނޫނީ، ޤައުމަށް ހަމަޖެހުމެއް ނާންނާނެ - ރައީސް


ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، ޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޢަދުލު އިންޞާފު ލިބޭނެކަން ޔަޤީންކޮށްދިނުމަށްޓަކައި، ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

ޑިމޮކްރެޓިކް ނިޒާމަށް ދައުލަތް އަނބުރާ ގެނައުމަށްޓަކައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ވަރަށް ގިނަ ކަމަށާއި އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރު ޚުދު ރައްޔިތުންގެ މަޖިލިސްވެސް އޮތީ ޤާނޫނު އަސާސީން މަޖިލީހާއި ޙަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރިޔަ ނުދީ "ކަސްތޮޅު" އަޅުވާފައި ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

"އެހެންކަމުން، ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ. ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޢަދުލު އިންޞާފު ލިބޭނެކަން ޔަޤީންކޮށްދިނުމަށްޓަކައި، ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް. ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ،" ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޙަފްލާގައި ރައީސް ޞާލިޙު ވިދާޅުވީ ވެރިކަމާ ޙަވާލުވި ހިނދުން ފެށިގެން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ހިޔަލުގައި، އެމަނިކުފާނުގެ ސަރުކާރުން ކުރަމުން އަންނަނީ ޤާނޫނުގެ ވެރިކަމެއް ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް މިޞްރާބު ކުރެވިފައި ވަނީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދިނުމާއި ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން ހޯދައި ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދާ ހަމައަށްވެސް ކަށަވަރުނުވެހުރި، އަސާސީ ބޭނުންތައް ކަމަށްވާ، ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުވާނެ ކަމުގެ ފޮނި އުންމީދުގައި. އެކަންކަން ފުރިހަމަކޮށްދިނުމަށް، މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި އަޅުގަނޑު ދެމިހުންނާނެ ކަމުގެ ޔަޤީންކަން، މި ޢިއްޒަތްތެރި މަޖިލީހަށް މި ފުރުޞަތުގައި އަޅުގަނޑު އަރުވަން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް އިސްކުރެއްވީ ކޮރަޕްޝަނާއި ވައްކަމުގެ ކިލަނބުކަން ދޫކޮށް، ނަޒާހަތްތެރިކަމާއެކު އަބުރުވެރި ދިރިއުޅުމަކަށް އުއްމީދު ކޮށްގެން ކަމަށެވެ. އަދި އަނިޔާއާއި ބޭއިންސާފުގެ ނާމާންކަމުން، ޢަދުލު އިންޞާފުގެ މަގަށް ޤައުމުގެ މިސްރާބު ރުޖޫޢަވާން ރައްޔިތުން ބޭނުންވާ ކަމަށް ރައީސް ޞާލިޙު އިއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވިއެވެ.