ޚަބަރު

އާޓްސްގެ ދާއިރާ ތަރައްޤީކުރެވޭނީ ފަންނާނުންގެ ވިސްނުން އިތުރަށް ހުޅުވާލައިގެން - މިނިސްޓަރ


ރާއްޖޭގެ އާޓްސް އަދި ކަލްޗަރގެ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ފަންނާނުންގެ ވިސްނުން އިތުރަށް ހުޅުވާލަންޖެހޭކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ، ރާއްޖޭގެ ވިޝުއަލް އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި ފަންނާނުންގެ ފޯރަމްގައި ވާހަކަފުދައްކަވަމުންނެވެ.

ރާއްޖޭގެ ވިޝުއަލް އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ކުރިއަށްގެންދިޔަ "ފަންނާނުންގެ ފޯރަމް 2019" ގައި ރާއްޖޭގެ ވިޝުއަލް އަރޓްސްގެ ދާއިރާގައި މަސައްކަތްކުރަމުންދާ ގިނަ ފަރާތްތަކަކުން ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް ޙިއްޞާކޮށްފައެވެ. އެގޮތުން މި ފޯރަމްގައި ކުރެހުންތެރިންނާއި، ފޮޓޯގްރާފަރުންނާއި، ގްރެފިކްސް ޑިޒައިނަރުންގެ އިތުރުން އަތްތެރި މަސައްކަތުގެ ފަންނުވެރިން ވަނީ ބައިވެރިވެފައެވެ.

މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ވިޝުއަލް އާޓްސްގެ ދާއިރާއަށް އެންމެ އެކަށޭނެ ސަމާލުކަމާއި، އަހަންމިއްޔަތުކަން އާންމުންގެ މެދުގައި ނެތްކަމަށް ބުނެއެވެ. މިކަމުގެ ސަބަބުން މިދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރާނެ ފުރުޞަތު ހަނިކަން ބައިވެރިން ފާހަގަކުރިއެވެ. އަދި ފޮޓޯގްރާފަރުންނާއި ގްރެފިކްސް ޑިޒައިނަރުންގެ ޒުވާން ޖީލެއް ރާއްޖޭގައި ފައްކާވަމުން އަންނައިރު މި ފަރާތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ދާއިރާއަށް އަންނަ ބިދޭސީންގެ އަދަދު ރާއްޖޭގައި ގިނަވުންކަންވެސް އެ ދާއިރާގެ ފަންނާނުން ފާހަގަކުރިއެވެ.

މި ފޯރަމްގެ ބައިވެރިންވަނީ ރާއްޖޭގައި އެވޭލާ ޒަމާނުންސުރެ ކުރިއަރަމުންދާ ލިޔެލާ ޖެހުންފަދަ ފަންނުތައް ތަރައްޤީކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ.

ވިޝުއަލް އާޓްސްގެ ދާއިރާގެ ފަންނުވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، އާޓްސްގެ ދާއިރާއަކީ ވަރަށް ފުޅާ ދާއިރާއެއްކަމަށާއި، މިހާތަނަށް އައިރު މިދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. އެގޮތުން

އެގޮތުން މި ދާއިރާ ހަރުދަނާކުރުމަށް ބެލެނިވެރިންގެ ވިސްނުމުގެ ހިސާބުންފެށިގެން ތަރައްޤީކުރަންޖެހޭކަމަށެވެ. މި ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ފަންނާނުންގެ ވިސްނުން އިތުރަށް ހުޅުވާލަންޖެހޭކަމަށާއި، މި ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންވެސް ކުދިންގެ ފަންނުވެރިކަން ބަލައިގަނެ، އެކަމަށް ހިތްވަރުދޭންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންގެ މައްސަލަތަކާއި ޝަކުވާތަށް އަޑު އަހައިފިން. މިކަންކަން ހައްލުކުރުމަށް އެންމެންގެ އެއްބާރުލުން މުހިންމު. އަދި ހަމަމިއާއިއެކު އަޅުގަނޑުމެންނަށް މި މައްސަލަ ހައްލުކުރަން ފޮށިން ބޭރުން ވިސްނުން މުހިންމު. އަދި މިކަން ބެލެނިވެރިންގެ ސްޓޭޖުން ކުރުން މުހިންމު." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ރާއްޖޭގެ ވިޝުއަލް އަޓްސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން "ފަންނާނުންގެ ފޯރަމް" އެއް ބާއްވާފައިވާއިރު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންވަނީ މިއުޒިކީ ދާއިރާއާއި، ފިލްމީ ދާއިރާގެ ފަންނުވެރިންނަށްވެސް ފޯރަމްތައް ބާއްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައްވެސް އަޑުއައްސަވާފައެވެ.