ކުޅިވަރު

ޔުނައިޓެޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި


ޓެކްސް އަށް މަކަރު ހެދި ކަމަށް ބަލައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެއް އަހަރަށް ޖަލަށް ލުމަށް ސްޕޭނުގެ ކޯޓުން ނިންމައިފި އެވެ.

ނަމަވެސް ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުރިން ކޯޗުކޮށްދިން މޮރީނިއޯ ހުކުމް ތަންފީޒް ކުރުމަށް ޖަލަށް ނުދާނެ އެވެ. އޭނާ އިހްތިޔާރު ކުރީ ޖަލު ހުކުމް ޖޫރިމަނާއިން ފުއްދާލުމަށެވެ.

ޓެކްސް އަށް މަކަރު ހެދުން ފަދަ ކުށްތަކުގައި ފުރަތަމަ ފަހަރު ޖަލު ހުކުމް ޖޫރިމަނާއަކާއެކު ނިންމާލުމުގެ އިހްތިޔާރު ލިބެ އެވެ. މޮރީނިއޯ ޖަލު ހުކުމް މައާފްވާނީ ޖޫރިމަނާގެ ގޮތުގައި 182500 ޔޫރޯ ދައްކައިގެންނެވެ. އަދި ޖޫރިމަނާ ދައްކައިގެން ޖަލު ހުކުމް ކެންސަލްކުރާތީވެ އެކަމުގެ ބަދަލެއްގެ ގޮތުން ދެ މިލިއަން ޔޫރޯ ވެސް ދައްކަންޖެހޭނެ އެވެ.

ސްޕޭނުގެ ޓެކްސް އޮތޯރިޓީން ބުނީ މޮރީނިއޯ އޭނާގެ އިމާޖް ރައިޓްސްއިން ލިބުނު އާމްދަނީ އޮޅުވާލުމަށް އޮފްޝޯ ކުންފުނިތަކެއް ހަދަފައިވާ ކަމަށެވެ.

ޓެކްސް އަށް މަކަރު ހެދުމުގެ ކުށުގައި ރެއާލް މެޑްރިޑުގެ ކުރީގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ޖަލަށްލާން ހުލުމް ކުރި އެވެ. އޭނާ ވެސް އަދަބުން ސަލާމަތްވީ ޖޫރިމަނާ ދައްކައިގެންނެވެ. ރެއާލް ދޫކޮށް ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވި އެއް ސަބަބަކީ ވެސް މިއީ ކަމަށް ބުނެވެ އެވެ.
ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ކުރިމަތިވެފައިވާ އަނެއް ކުޅުންތެރިއަކީ ރެއާލް މެޑްރިޑުގެ ކުރީގެ ސްޕޭން މިޑްފީލްޑަރު ޒަވީ އަލޮންސޯ އެވެ.